ވަކި ޝަރުތުތަކެއް ހަމަވާ ހާއްސަ ލެބޯޓްރީއަކަށް ސާމްޕަލް ގެންދަން ނުޖެހި، އެންމެ 90 މިނެޓް ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓުކޮށް، ކަށަވަރު ނަތީޖާ ނެރެވޭ ޑިވައިސްއެއް ތައާރަފުކޮށްފައި ވާ ކަމަށް ސައެންސްވެރިން ހާމަކޮށްފިއެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންއިން ކުރިއަށް ގެންދިޔަ ދިރާސާގައި ޓެސްޓު ކޮށްފައިވާ "ލެބް-އޮން-އަ-ޗިޕް" ނުވަތަ ބޮޑު ލެބެއްގެ ދައުރު، ކުޑަކުޑަ ޗިޕަކުން އަދާ ކުރާ މި ޑިވައިސްއިން ދެއްކި ނަތިޖާތަކާ، އާންމު އުސޫލުން ހަދާ ޓެސްޓުތަކުގެ ނަތީޖާތައް އަޅާ ބަލާފައިވެއެވެ.

މި ޑިވައިސްއަކީ އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ އިދާރާ އެންއެޗްއެސްއިން އޮޕަރޭޓްކުރާ ހޮސްޕިޓަލުތަކުގައި، އަވަސް ނަތީޖާ ބޭނުންވާ ފަރާތްތައް ކޮވިޑް-19އަށް ޓެސްޓު ކުރަމަށް މިހާރުވެސް ބޭނުން ކުރަމުން އަންނަ ޑިވައިސްއެކެވެ.

ކަން މިހެން އޮތް ނަމަވެސް، މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރުވެސް ކުރިއަށް ގެންދާ ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ ޕްރޮގްރާމްގެ ބަދަލުގައި ބޭނުން ކުރާނެ ޓެކްނޮލޮޖީއެއް ނޫން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެންމެ 90 މިނެޓް ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓުކޮށް، ކަށަވަރު ނަތީޖާ ނެރެވޭ "ނަޖުބޮކްސް"/ފޮޓޯ: އިމްޕީރިއަލް ކޮލެޖު ލަންޑަން

90 މިނެޓްގެ ތެރޭގައި ކަށަވަރު ނަތީޖާ ނެރެވޭ ޑިވައިސް ތަރައްގީ ކޮށްފައިވަނީ "ޑީއެންއޭނަޖު" ނަމަކަށް ކިއާ ކުންފުންޏަކުންނެވެ. ޑީއެންއޭނަޖުގެ މި ޑިވައިސްއަކީ، ނޭފަތާއި ކަރުގެ އެންމެ އެތެރެއިން ސާމްޕަލް ނަގަން އެނގޭ ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ޑިވައިސްއެކެވެ.

ބޫޓު ހުސްކުރާ ފޮށިގަނޑެއްގެ ސައިޒަށް އުފައްދާފައިވާ މި ޑިވައިސްގައިވާ ކެމިކަލް އެޅި (ޑިސްޕޯސަބަލް) ކާޓްރިޖަށް ސްވަބް ނުވަތަ ސާމްޕަލް ނަގާ ދަނޑިކޮޅު ލުމުން، ނަތީޖާ ލިބެއެވެ.

އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ޕްރޮފެސާ ގްރާމް ކުކް ވިދާޅުވީ އާންމު އީޖާދު ކުރާ އާ ޓެސްޓުތަކަކީ، ނަތީޖާ ނެރެވޭ ދުވެއްޔާއި ނަތީޖާގެ ސައްހަކަމާ ދެމެދު ކިރިކިރި އޮންނަ އީޖާދުތަކެއް ކަމަށާ، ނަމަވެސް، ޑީއެންއޭނަޖުގެ މި އާ ޓެކްނޮލޮޖީއަކީ، މި 2 ކަންތައްވެސް ހާސިލުކުރާ ޑިވައިސްއެއް ކަމަށެވެ.

"ނަޖުބޮކްސް"ގެ ނަންދީފައިވާ މެޝިނުން ހަދާ ޓެސްޓުން އެމީހަކީ ކޮވިޑް-19 ނެތް މީހެއް ކަމަށް ބުނާ ނަމަ، ލެބްގައި ހަދާ ޓެސްޓުންވެސް ދައްކަނީ އެ ނަތީޖާއެވެ. ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު، 94 ޕަސެންޓް ކޭހުގެ ނަތީޖާ ދިމާވެއެވެ.