ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު ފުރުވާލައިފިއެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ފުރާނެ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 36 ވަނަ ދަތުރެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6932 މީހަކު މިވަނީ ފޮނުވާލާފައެވެ. އަދި ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބަންގްލަދޭޝްގެ މީހުންނެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި އަދި އެ ގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ހާހެއްހާ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ އެ ގައުމަށް ފޮނުވާލާފައި ވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދާދި ފަހުން ވަނީ މިއަހަރުތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް ވިދާޅުވެފައެވެ.