މިއަހަރު ހައްޖަށް ދިއުމަށް ހަތަރު ފްލައިޓެއް ހަމަޖައްސާފައިވާ އިރު، ދެ ފްލައިޓަކީ ސައުދީ އެއާލައިނުން ކުރާ ދަތުރުތަކެވެ. އަދި މޯލްޑިވިއަންގެ ދެ ފްލައިޓުން ދަތުރު ކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ރައްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި ފުރަތަމަ ފަހަރަށް ދިވެހިންނާ އެކު ހައްޖަށް ދަތުރު ކުރި މިއީ ތާރީހީ ދުވަހެކެވެ. މިއަދުގެ ފްލައިޓުގައި 255 ދިވެހިން ދަތުރުކޮށްފައި ވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަހުގެ ތާރީހެއްގައި ދިވެހި ހައްޖުވެރިން ގައުމީ އެއާލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއަހަރު ހައްޖަށް ދާ މީހުންގެ 50 ޕަސެންޓް މީހުން ދަތުރު ކުރާނީ ގައުމީ އެއާލައިނުން ކަމަށެވެ.
މޯލްޑިވިއަން އެއާލައިން Q2 6360 ފްލައިޓުގައި ދިވެހި ހައްޖާޖީން ފުރީ މިއަދު ހެނދުނު 8:00 ގައެވެ.
މޯލްޑިވިއަން އިން ބުނީ، މި ދަތުރަކީ މޯލްޑިވިއަން ލިބޭ ވަރަށް ބިޑު ކުރިއެރުމެއް ކަން ފާހަގަކުރާ ކަމަށާއި މިއަދު ދިވެހި ހައްޖާޖީންނާ އެކު ސައުދީއަށް ދަތުރު ކުރުމަކީ ޝަރަފުވެރި ކަމެއް ކަމަށެވެ. އަދި މިއީ ހައްޖަށް ދިއުމުގެ މަތިވެރި ނިޔަތުގައި އީމާންކަމާއެކު ފަށާ އަޅުކަމުގެ ދަތުރެއް ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.
ހަމައެއާއެކު ސައުދީއަށް ދިއުމާއި އަދި އަޅުކަން ފުރިހަމަ ކޮށް އެނބުރި އައުމާ ހަމައަށް ކުރެވޭ އެންމެ ފަހުގެ އަޅުކަމާ ހަމައަށް ހައްޖާޖީންނާ އެކުގައި ތިބި ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މޯލްޑިވިއަން އިން ސައުދީއަށް ކުރާ މި ދަތުރުގެ ދަތުރުވެރިންގެގެ ހައްޖު ގަބޫލުކުރައްވައި، ދުއާ އިޖާބަކުރައްވައި، ހިތްތައް ހަމަޖެހުން މިންވަރު ކުރެއްވުމަށް އެދެ ކަމަށް ވެސް އެ އެއާލައިނުން ބުނެފައި ވެއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓު އިއްޔެ ފުރާފައިވާ އިރު އެ ފްލައިޓުގައި 234 ހައްޖުވެރިން ވަނީ ފުރާފައެވެ. އެއަށް ފަހު ދެވަނަ ފުލައިޓު މިއަދު ފުރާފައި ވާއިރު އެ ފުލައިޓުގައި 255 ހައްޖުވެރިން ދަތުރު ކޮށްފައި ވެއެވެ.
ތިން ވަނަ ފުލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ އިރު އެ ފުލައިޓުގައި 250 ހައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ފަހު ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފުލައިޓުގައި 250 ހައްޖުވެރިން ފުރާނެއެވެ.
ދިވެހި ހައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފައެވެ. މި ހިދުމަތް ދިވެހިންނަށް ފަހިވެފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.