ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އިން 111 ފްލައިޓް ދަތުރު އަޅާނެ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާއި ހަމައަށް ކުރާ ދަތުރުތައް އިތުރު ކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ކޮންމެ އީދަކާ ދިމާކޮށް ވެސް ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރަމުން އަންނައިރު މިއަހަރު އެންމެ ގިނަ ދަތުރުތައް ކުރަނީ ލ.ކައްދޫއަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުން އަންނައިރު، ޗައިނާގެ ތިން ސިޓީއަކާއި އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން މެލޭޝިއާ އަށް ވެސް ދަތުރުތައް އަންނަނީ ކުރަމުންނެވެ. ކޮންމެ އަހަރެއްގެވެސް އީދުގެ އިތުރުން އަހަރީ ޗުއްޓީ ތަކާއި ދިމާކޮށް ޓިކެޓު ހޯދުމަށް ގިނަ ދަތިތަކެއް ކުރިމަތިވާއިރު، މިހާރުވެސް މޯލްޑިވިއަން ދަތުރުކުރާ ގިނަ މަންޒިލުތަކަށް ޓިކެޓްތައް ވަނީ ފުލްވެފައެވެ.

މޯލްޑިވިއަން އިން މިހާރުވެސް 25 ފްލައިޓެއް ބޭނުންކުރަމުން އަންނައިރު އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރް މަތިންދާބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.