އެމެޒަން ކުންފުނީގެ ޑިޖިޓަލް އެސިސްޓަންޓް "އެލެކްސާ"އަށް އަޑު އަޅާ އިންޑިއާގެ ފުރަތަމަ ސެލެބްރިޓީގެ ޝަރަފު، ބޮލީވުޑްގެ ސުޕާސްޓާ އަމީތާބު ބައްޗަން އަށް ލިބިއްޖެއެވެ.

އިންޑިއާގެ މާކެޓަށް އެމެޒަން ކުންފުނީގެ އުފެއްދުންތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަންނަ އަހަރުން ފަށައިގެން "އެލެކްސާ" އަށް އަޑު އަޅާނީ އަމީތާބު ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ޑިޖިޓަލް އިގުތިސޯދި ޑޮމިނޭޓް ކުރުމަށް ޓެކްނޮލޮޖީ ކުންފުނިން ޖަހަމުންދާ ރޭހުގައި އެމެޒަން ކުންފުނިން އަމީތާބުގެ އަޑު ގަނެފައިވާއިރު، އަންނަ އަހަރުން ފަށައިގެން އަމީތާބުގެ އަޑުން ޖޯކާއި، ޅެމުގެ އިތުރުން ހިތްވަރު ދެނިވި ބަސްކޮޅުތަކާއި، ކަންކަމުގެ ލަފާގެ އިތުރުން މޫސުމާ ބެހޭ މައުލޫމާތުވެސް އެނގިގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.

އަމީތާބު އަޑު އަޅާނީ "އެލެކްސާ"ގައި ހިމެނޭ ސެލެބްރިޓީ ވޮއިސް އޮޕްޝަނަށެވެ. މިއީ އިތުރަށް ފައިސާ ދީގެން ހިޔާރު ކުރެވޭ ފީޗާއެކެވެ. ގޫގްލްއިންވެސް މިދިޔަ އަހަރު ވަނީ މިފަދަ ފީޗާއެއް ތައާރަފުކޮށްފައެވެ. އެގޮތުން މަޝްހޫރު ލަވަކިއުންތެރިޔާ ޖޯން ލެޖެންޑްގެ އަގު، ގޫގްލް އެސިސްޓަންޓްގައި ވަނީ ހިމަނާފައެވެ.

އޭނާގެ ބްލޮގްގައި ބޮލީވުޑްގެ ސުޕާސްޓާ އަމީތާބު ބުނީ، މިއާ ތަޖުރިބާއަށް ކެތްމަދު ވެފައި ވާކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގައި ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު، މަސައްކަތުގެ މައިދާނަށް އަމީތާބު ނިކުތީ މިދިޔަ މަހުއެވެ.