ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތައް، 5 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދު އަލުން ފަށައިފިއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން މިވަގުތު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގައި ޖަލްސާތައް ކުރިއަށް ގެންދަން ފަށާފައިވަނީ ވަރުގަދަ އެޖެންޑާއަކާއެކުގައެވެ. އެގޮތުން، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ކޮވިޑް-19އަށް ދިން އިޖާބައާއި، އިނދަޖެހެމުންދާ އިގުތިސޯދުގެ މައްސަލައިގެ އިތުރުން ސަރަހައްދީ ވާދަވެރި ސުޕާޕަވާގެ ގޮތުގައި އޮތް ޗައިނާއާއި އިންޑިއާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ނުތަނަވަސް ވަމުންދާ މަސްރަހުގެ ވާހަކަތައް ވަނީ އެޖެންޑާކޮށްފައެވެ.

އިންޑިއާގައި މިއަދު ފެށި މަޖިލިސް ދައުރަކީ 18 ދުވަހުގެ ދައުރެއް ކަމަށް ޚަބަރު ލިބެއެވެ. ކަން މިހެން އޮތްއިރު، މިއަދަކީވެސް އިންޑިއާއިން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކުރި ދުވަހެއްކަން ފާހަގަކުރަންޖެހެއެވެ. މިއަދު އެގައުމުން 92000 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައިވެއެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4.8 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 79700 އަށް އަރައެވެ.

މިފަދަ ނާޒުކު ވަގުތެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ، ރައްކާތެރި ކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކަކާއެކުގައެވެ. އެގޮތުން ކޮންމެ 2 މެމްބަރެއްގެ މެދުގައި ޕްލާސްޓިކުން ޕާޓިޝަން ޖަހާފައިވާއިރު، ހުރިހާ މެމްބަރުންނަށްވެސް މާސްކު އަޅަންޖެހެއެވެ. މަޖިލީހުގެ ބައްދަލުވުންތައް ދެމިގެންދާ ވަގުތު ކުޑަކުރުމުގެ އިތުރުންވެސް، ސިއްހީ ގޮތުން ތަފާތު އެކި ކަހަލަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރުމަށް އޮތް ފުރުސަތު މިއަދު ވަނީ ކެންސަލް ކޮށްފައެވެ. މިކަމާ ދެކޮޅަށް، އިދިކޮޅު މެމްބަރުން ވަނީ އަޑުއުފުލާފައެވެ. އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި، ސަރުކާރު ޖަވާބުދާރީކުރަން އޮތް ފުރުސަތު ގެއްލުނީއެވެ. އަނގަބަހުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ތަޅުން ހުޅުވާލުމުގެ ބަދަލުގައި، މިހާރު ހަމަޖައްސާފައިވަނީ ލިޔުމުން ސުވާލު ކުރުމަށެވެ.