އަރަބި ގަލްފުން 2 ވަނަ ގައުމެއްގެ ގޮތުގައި ބަހްރައިންއިން އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމާއެކު، ފަލަސްތީނުގެ ރައްޔިތުން ސިދާ ހަރަކާތަށް ނިކުމެއްޖެއެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ބަހްރައިންވެސް އާންމު އުސޫލުން އިސްރާއީލާއެކު ގުޅުންތައް ބަދަހި ކުރުމުން، ފަލަސްތީނުގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ، އެމެރިކާ، އިސްރާއީލު އަދި ބަހްރައިންއާއި ޔޫއޭއީގެ ލީޑަރުންގެ ފޮޓޯޖެހި ޕޯސްޓަރުތައް އަންދާލާފައެވެ.

ބަހްރައިންއިން އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމުން ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކުރަނީ/ފޮޓޯ: ސާއިދު ޚަތީބު

އިސްރާއީލާއެކު ބަހްރައިނުން އާންމު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރިކަން ހާމަކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިއީ ބައިނަލްއަގުވާމީ މުޖުތަމައުގައި ފަލަސްތީނު އިންތިހާއަށް އެކަހެރި ކޮށްލަނިވި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.

ބަހްރައިންގެ ނިންމުމާއެކު ފަލަސްތީނުގެ ގައްޒާގައި ކުރި މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުންނެވެ.

ހަމާސްގެ އޮފިޝަލެއް ކަމަށްވާ މާހިރު އަލް-ހޫލީ ބުނީ، އިސްރާއީލާއެކު ގުޅުންތައް ބަދަހި ކުރުމުގެ "ވައިރަހާ" ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ ކަމަށާ، އިތުރު ހިސާބުތަށް ފެތުރިގެން ދިއުމުގެ ކުރިން، އެކަން ކާމިޔާބު ވިޔަ ނުދީ ހުއްޓުވަންޖެހޭ ކަމަށެވެ.

އިސްރާއީލާއި އެމެރިކާ އަދި ޔޫއޭއީއާއި ބަހްރައިނުން ސިފަ ކުރާ ގޮތުގައި ގުޅުންތައް ބަދަހި ކުރުމަކީ މެދުއިރުމަތީގެ ސުލްހައަށް އިންތިހާއަށް މުހިންމު ފިޔަވަޅެކެވެ. ނަމަވެސް ފަލަސްތީނުން ބުނާ ގޮތުގައި އެއީ ފަލަސްތީނަށް ބޭވަފާތެރިވުމެވެ.

ބަހްރައިންއިން އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމުން ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކުރަނީ/ފޮޓޯ: މަހްމޫދު ހަމްސް

ފަލަސްތީނުގެ ސުލްހައަށް އެންމެ މުހިންމު އަސާސްގެ ގޮތުގައި ފަލަސްދީނުން ގަބޫލުކުރާ އެއް އެއްބަސްވުމަކީ 2002 ވަނަ އަހަރު އެކުލަވާލި އަރަބް ޕީސް އިނިޝިއޭޓިވްއެވެ. އަދި އެއްބަސްވުމާ ދުރަށް ގައުމުތަކުން ޖެހެމުންދާ ކަމުގެ އަލާމާތްތައް ފެންނަން ފަށާފައިވާއިރު، ފަލަސްތީނުގައި މިކަމުގެ ބިރުވެރިކަން ވަނީ ވަށާލާފާއެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތައް އުފެދިފައި ވީ ނަމަވެސް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އާއި އިދިކޮޅު ހަމާސްއިންވެސް މިކަމުގައި އެއްގަލަކަށް އަރާފައެވެ.

ފަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު ވިދާޅުވީ، އިސްރާއީލާއި ފަލަސްތީނާ ދެމެދު ދިގުލާ ގޮސްފައިވާ މައްސަލައަށް ހައްލު ނުހޯދެނީސް ޑިޕްލޮމެޓިކް ގުޅުން ކުރިއަށް ނެރުމަކުން ސުލްހަ ހާސިލުވާކަން ނެތެވެ.

އުރައިގާތު ވިދާޅުވާ ގޮތުގައި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަކީ ސުލްހައެއް ނޫނެވެ. އަދި އެއީ ދެބައެއްގެ މެދުގައި އޮތް ގުޅުންތައް ބަދަހި ކުރުމެއްވެސް ނޫނެވެ. އުރައިގާތު ސިފަކުރައްވާ ގޮތުގައި މިހާރު ހެދެމުންދާ އިއްތިހާދަކީ، ސަރަހައްދީ ފެންވަރުގައި ގާއިމުކުރާ އަސްކަރީ އިއްތިހާދެކެވެ.

އީރާނުގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ. އީރާނުން ބުނާ ގޮތުގައި، އިސްރާއީލާއި ބަހްރައިންގެ ގުޅުން ބަދަހި ކުރުމަކީ، ސަރަހައްދީ ފެންވަރުގައި އޮތް ނުރައްކަލެކެވެ. ބަހްރައިންގެ މި ނިންމުގެ ނަތީޖާ، ބަހްރައިންގެ ރައްޔިތުންނާ، ފަލަސްތީނުންވެސް ދައްކައިދޭނެ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލަފާއަރުވާ މުޝީރު ޖެރާޑް ކުޝްނާ (ކ) އިސްރާއީލުގެ ވަފުދާއެކު ޔޫއޭއީގައި/ފޮޓޯ: އޭއެފްޕީ

ބަހްރައިންގެ ނިންމުމާ ދެކޮޅަށް ދެން އަޑުއުފުލި އަނެއް ގައުމަކީ ތުރުކީވިލާތެވެ. ތުރުކީވިލާތުން ބުނާ ގޮތުގައި، މިއީ އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތައް ކުރިއަށް ނެރުމަށް އިސްރާއީލަށް ދެވޭ އިތުރު ހިތްވަރެކެވެ.

ބަހްރައިންގެ ރައްޔިތުންވެސް ވަނީ، އިސްރާއިލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަށް ނިންމުމުން ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.