ހުޅުމާލޭގައި ހެދިފައި ހުރި ބައެއް ފިތުރޯނު ގަސްތައް ނަގަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ފިތުރޯނު ގަސްތަކަކީ ވަރަށް އަވަހަށް ހެދޭ ގަސްތަކެއްކަމަށާއި އޭގެ މުލަކީ ވަރަށް ވަރުގަދަ އަދި ބާރަށް ފެތުރިގަންނަ އެއްޗެއް ކަމަށެވެ. އަދި އެގަސްތައް ގެނުމަށް ނިންމާފައިވަނީ މޫތައް ފެތުރިގަނެ މަގުގެ ތާރުގަނޑަށް ގެއްލުންވާތީ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ނަރުދަމާގެ ނިޒާމަށްވެސް ބައެއް ގެއްލުންތައް ވަމުން އަންނަ ކަމަށް އެޗްޑިސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެފަދަ ގަސްތައް ނެގުމަށްފަހު އަލުން އެތަނުގައި ހިޔާދޭ ގަސްތައް އިންދާނެ ކަމަށެވެ. އަދި އެމަސައްކަތް މި ހަފްތާ ތެރޭ ކުރިއަށްދާނެ ކަމަށް އެޗްޑިސީން މައުލޫމާތު ދެއެވެ.

ހުޅުމާލެގައި ހުންނަ ފިތުރޯނު ގަސްތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ގަސްތަކެކެވެ. ހާއްސަ ފޮޓޯ ނެގުމަށް ގިނަ ބަޔަކު އެސަރައްހަދަށް ދެއެވެ.