ވެށި ސާފު ޕްރޮގުރާމުގެ ދަށުން ހުޅުމާލެ ކުނިކަހާ ސާފުކުރަން ދިވެހިން ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކޮށްފިއެވެ.

އެޗްޑީސީން ބުނީ އެޕްރޮގްރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރު ކުރުމަށާއި، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮގުރާމެއް ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލެއަކީ ސާފު ސިޓީއަކަށް ހެދުމުގައި މުޖުތަމައުގެ ޒިންމާއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށް ދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެޕްރޮގްރާމްގެ ދަށުން ސާފުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓް އުސޫލުން ކަމަށެވެ. އެމަސައްކަތަށް 34 ދިވެހިން ބޭނުންވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ މަސައްކަތަށް ކުރިމަތިލާ މީހުންނަކީ ދިވެއްސަކު ކަމުގައި ވާން ޖެހެއެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް ވެފައި، އުމުރުން 18 އަހަރު ފުރިފައި އަދި އެ މަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކުކަމުގައިވާން ޖެހޭނެއެވެ.

އެޗްޑީސީން ބުނީ އެމީހަކާއި ހަވާލުކުރެވޭ ސަރަހައްދު ކޮންމެ ދުވަހެއްގެ ހަވީރު 3:30 ގެ ކުރިން ކުނިކަހާ ސާފުކުރަން ޖެހޭނެ ކަމަށާއި ހަވާލުކުރެވޭ ސަރަހައްދުގައިވާ ފްލެޓްތަކުގެ ކޮމަން އޭރިއާ' ސާފުކޮށް ބެލެހެއްޓަން ޖެހޭނެކަމަށެވެ. އަދި ސަރަހައްދުން ނަގާކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގަން ޖެހޭނެ ކަމަށާއި ހަވާލުކުރެވޭ ސަރަހައްދުގައިވާ މަގުތަކާއި، ޕޭމަންޓާއި، މަގުތަކުގެ ދެފަރާތުގައިވާ "ހެޖް' ސާފުކުރަން ޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ކަނޑައެޅިފައިވާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގައި ކުރާ އާޖަންޓް' މަސައްކަތްތަކުގައި ބައިވެރިވުންނުވަތަ ކްލީނިން ސެކްޝަނުން އަންގާ ގޮތެއްގެ މަތިން އެފަދަ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެކަމަށް ޝައުގުވެރިވާ މީހުން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން 15:00 އާ ދެމެދު 3355305 އަށް ގުޅާއި ނުވަތަ 7253969 އަށް އެސްއެމްއެސް މެދުވެރިކޮށް މެސެޖްކޮށްގެން ނަން ނޯޓު ކުރެވޭނެ ކަމަށެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުން ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި ލިބޭނީ 4800 ރުފިޔާ ލިބޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ..