ހުޅުމާލޭގައި އާންމުންނަށް ދަނޑުވެރިކަން ކުރެވޭނެ ގޮތަށް "އާބަން ދަނޑުވެރިކަން" ފަށަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވާން ފަށައިފިއެވެ.

އެޗްޑީސީން ބުނީ "ކޮމިއުނިޓީ ގާޑެނިން" ޕްރޮގްރާމަށް ބަދަލު ގެނެސް، ފުރަތަމަ ފިޔަވަހީގައި ކާބޯތަކެތި ހެއްދޭނެ އިންތިޒާމު ތަކެއް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާބަން ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގައި ކުރަން ޖެހޭ އިމާރާތް ކުރުމުގެ މަސައްކަތްތައް ޖުލައި މަހުގެ 13 އިން ފެށިގެން ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ހަ މަސް ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މިޕްރޮގުރާމުގެ ދަށުން 600 އަކަފޫޓުގެ ބިން ދޫކުރެވޭނެ ކަމަށާއި 48 ދަނޑުވެރިންނަށް ފުރުސަތު ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ސަރަހައްދުން ބިން ދިނުމުގެ އިތުރުން އެކަމަށް ބޭނުންވާ ސާމާނު ލިބޭނެ ފިހާރައަކާއި ފާހާނާ ވެސް ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިޕޮރޮގުރާމުގެ 40 ޕަސެންޓު މީހުން ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށެވެ. އަދި 30 ޕަސެންޓު ޒުވާނުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މިހުނަސް ހާއްސަކުރުމަށް ނިންމާފައިވާއިރު ބާކީ 30 ޕަސެންޓް ދިނުމަށް ހަމަޖެހިފައިވަނީ އާންމުންނަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.