ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމު ކަމަށްވާ ބްރެޒިލްއިން ޗައިނާއަށް އިމްޕޯޓްކުރި ފިނިކުރި ކުކުޅުން ނެގި ސާމްޕަލް، ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށް ޗައިނާއިން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ދެކުނު ސިޓީއެއް ކަމަށްވާ ޝެންޒެންއަށް ބްރެޒިލްއިން އިމްޕޯޓްކުރި ޗިކަން-ވިންގްސްއިން ނެގި ސާމްޕަލް، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިއީ ކާބޯތަކެތި ވައިރަހުގެ އަސަރު ފެންނަމުންދާ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.

ޝެންޒެންގެ މުނިސިޕަލް ގަވަމަންޓްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދަށް އިމްޕޯޓްކުރި ޗިކަންވިންގްސް ޝިޕްމަންޓްގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މި ސާމްޕަލް ޓެސްޓު ކޮށްފައިވަނީ އިމްޕޯޓް މުދާ ސްކްރީން ކުރުމުގެ ތެރެއިން ކަމަށެވެ. ނަމަވެސް، އެއީ ކޮން ބްރޭންޑެއް ކަމަށް ޗައިނާގެ އޮފިޝަލުން ތަފްސީލު ކޮށްދެއްވަފައެއް ނުވެއެވެ.

ޝެންޒެންގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ މި ޝިޕްމަންޓާ ކޮންޓެކްޓް ވެފައިވާނެ ކަމަށް ޝައްކު ކުރެވޭ ހުރިހާ އެންމެން ޓްރޭސްކޮށް، ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. މި ހުރިހާ އެންމެންވެސް ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ޝިޕްމަންޓްގައި ދެން ހުރި ބާވަތްތައްވެސް ވައިރަހަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ނަތީޖާވެސް ނެގެޓިވް ކަމަށް ބަޔާނުގައި ވެއެވެ.

ފިނިކުރި ޝްރިމްޕް ޝިޕްމަންޓެއްގެ ޕެކޭޖިންގްއިންވެސް ވައިރަހުގެ އަސަރު ވަނީ ފެނިފަ/ފޮޓޯ: ޝަޓާސްޓޮކް

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ވައިރަހަށް ޕޮޒިޓިވްވި ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން، މިހާރު ބާޒާރުގައި ވިކިފައިވާ މުދާތައް ޓްރޭސް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޗިކަންވިންގްސް ޝިޕްމަންޓެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މީގެ އެއް ދުވަސް ކުރިން ޗައިނާއިންވަނީ، އިކުއެޑޯއިން އިމްޕޯޓްކުރި ފްރޯޒަން-ޝްރިމްޕް ޝިޕްމަންޓު ބަންދުކޮށްފައިވާ ޕެކޭޖިންގްއިން ވައިރަހުގެ އަސަރު ފެނިފައިވާކަމަށް ރެކޯޑް ކޮށްފައެވެ. ޖުލައި މަހުން ފެށިގެން މިފަދަ 7 ހާދިސާއެއް ޗައިނާއިން ރިޕޯޓް ކޮށްފައި ވާއިރު އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިމްޕޯޓް ކޮށްފައިވާ އެއްގަމު މަހާ ސީފުޑް ބޭނުން ކުރުމުގައި ސަމާލުވުމަށް އާންމުންނަށް ގޮވާލާފައެވެ.

ކަންމިހެން އޮތްއިރު އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވަނީ، ކާބޯތަކެތީގެ ޒަރިއްޔާއިން ވައިރަސް ފެތުރުމުގެ ނުރައް ވަރަށް ކުޑަ ކަމަށް ބުނެފައެވެ. ނަމަވެސް ވައިރަހުގެ އަސަރު ހުރި ތަނެއް ނުވަތަ އެއްޗެއްގައި އަތް ލުމަށްފަހު، އަނގަ، ނޭފަތް ނުވަތަ ލޯ ފަދަ ގުނަވަނެއްގައި އެ އަތް ސާފުނުކޮށް ޖެހުމުން، ވައިރަހަށް އިންފެކްޓް ވުމުގެ ފުރުސަތު އޮވެއެވެ.

ޗައިނާ ޔުނިވާސިޓީ އޮފް ހޮންގްކޮންގްގެ ރެސްޕިރޭޓޮރީ މެޑިސިން ތަޖުރިބާކާރު ޑެވިޑް ހޫއީ ޝޫ-ޗިއޮންގް ވިދާޅުވީ، އިމްޕޯޓްކޮށްފައިވާ ޝިޕްމަންޓްތައް ކޮވިޑް-19 ޖައްސާ ވައިރަހަށް އިންފެކްޓް ވެފައިވަނީ، އެ މުދާ ބަންދު ކުރުމުގެ ތެރޭގައި ކަމަށް ޔަގީނާ ގާތަށް ކަށަވަރުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮރޯނާވައިރަހަކީ ގަނޑުވާ ވަރަށް ފިނި ވެފައި ހުންނަ ތަންތަނުގައިވެސް ދިރި ހުންނަ ވައިރަހެއް ކަމަށާ، ފިނި ކަނޑުވާލުމުން ވައިރަސް އެކްޓިވޭޓްވާ ކަމަށެވެ.