ޓެކްނޮލޮޖީއަކީ އަދުގެ ދުނިޔޭގައި ބާރާ ނުފޫޒު ވަޒަންކޮށްދޭ އާ ކައްޓާއެއް ކަމަށާ، ޓެކްނޮލޮޖީއަކީ އެއްވެސް ހާލެއްގައި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަ ނުވެ އޮންނާނެ "ނިއުޓްރަލް" އެއްޗެއް ނޫންކަމަށް، އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައިވެސް އެންމެ ނުފޫޒުގަދަ 2 ބާރުގެ ގޮތުގައި އެމެރިކާއާއި ޗައިނާއާ ދެމެދު މި ރޮނގުން ވާދަވެރި ރޫހެއް އުފެދި، ބޮޑެތި ދެބަސްވުންތަކަކާ ހިސާބަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ޓެކްނޮލޮޖީއަކީ ބާރާ ނުފޫޒު ވަޒަން ކުރާ ކައްޓާއަކަށް ވީ ސަބަބު ބަޔާންކޮށްދެއްވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވީ، ޓެކްނޮޖީއަކީ ގުޅުންތަކެއް އުފައްދާ އެއްޗެއް ކަމަށާ، ބައެއް ހާލަތްތަކުގައި މި ގުޅުންތަކަކީ އަނެކާ ތިބާގެ މައްޗަށް ބަރޯސާކުރުވަނިވި ގުޅުމެއް ކަމަށެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު (ކ) އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއާއިއެކު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަނީ/ފައިލް ފޮޓޯ: އިންޑިއާ އެމެރިކާ ޓުޑޭ

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ސީ-2 ވާޗުއަލް އިވެންޓްގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ވިދާޅުވީ، ޓެކްނޮލޮޖީއަކީ ގާބިލިއްޔަތު ކަމެއް ކަމުގައި ހީވި ނަމަވެސް، ހަގީގަތުގައި އެއީ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށެވެ.

ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި އުފެދޭ ކޯޅުންތަކުގެ އަސަރު މިހާރު ވަނީ ސީދާ ގޮތެއްގައި ޓެކްނޮލޮޖީގެ ދުނިޔެއަށް ފޯރަން ފަށާފައެވެ. އެގޮތުން އިންޑިއާއާއި ޗައިނާއާ ދެމެދު ބޯޑަރު ސަރަހައްދުގެ މިލްކިއްޔާތުގެ މައްސަލާގައި އުފެދުނު ދެބަސްވުންތަކާއެކު އިންޑިއާއިން ވަނީ ޗައިނާގެ 59 އެޕްލިކޭޝަނެއް އެގައުމުގައި ބޭނުން ކުރުން މަނާކޮށްފައެވެ. އެމެރިކާއިންވެސް ހަރަކާތްތެރިވަނީ މިފަދަ ރޫހެއްގައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާ ކެނެޑާ ފަދަ ގައުމުތަކުންވެސް ވަނީ ޗައިނާގެ ޒަމާނީ ޓެކްނޮލޮޖީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިކަން ފާހަގަކުރަންޖެހެއެވެ.