އެޗްޕީއޭއިން އަންގާފައިވާ މިންގަނޑުތަކަށް ނުފެތޭ 9 ތަނެއް ބަންދު ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު 137 ތަނެއް އިންސްޕެކްޓު ކުރެވިފައި ވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 37 ތަނަކާއި 11 ސެލޫން އަދި 88 ފިހާރަ ހިމެނޭ ކަމަށެވެ.

އަދި އޭގެ ތެރެއިން 9 ތަނެއް މިއަދު ބަންދު ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެއީ ތިން ސެލޫންއާއި ފަސް ފިހާރައަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެއް ތަނެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ކުރިން ބަންދުކުރި ތަންތަނުގެ ތެރެއިން 16 ތަނެއް އަލުން ހުޅުވާލާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް 1546 އިންސްޕެކްޓު ކުރެވިފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 246 ތަނެއް ތަނެއް ބަންދުކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވަނީ މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި 'ބަންދު ނޯޓިސް' ދީފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހު ކުރުމުން އަލުން އިންސްޕެކްޓް ކުރެވޭނެ ކަމަށް ބުނެފައެވެ. އެކަން ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުމަށް އެޗްޕީއޭން ވަނީ އެދިފައެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން އެޗްޕީއޭން ހަދާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.