ރޭގަނޑު 10ގެ ފަހުން ބޭރުގައި އުޅުނު 79 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑރ. ނަޒްލާ ވިދާޅުވީ ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުނު 157 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އަދި 79 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު އިއުލާނު ކުރީ އޮގަސްޓް 4، 2020 ބުރާށްފަތި ދުވަހުއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކައި، ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ދުއްވޭނެއެވެ. އަދި އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، ކާފިއު އިއުލާން ކޮށްފައިވާ ވަގުތު ވަޒީފާ އަދާ ކުރާ ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އޮފީސް ކާޑު ބޭނުންކޮށްގެން ނުވަތަ ޔުނިފޯމު އަޅައިގެން ދާނަމަ އިސްތިސްނާ ވާނެ ކަމަށް ޗީފް ސުޕެރިންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 9:30 އިން ފެށިގެން ވިޔަފާރިތަކުގެ ހުރިހާ މަސައްކަތެއް ނިމޭއިރު، 10:00 ވާއިރަށް ހުރިހާ ފަރާތްތަކަށް ވެސް ގެއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 10:00 އިން ފެށިގެން މަގުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ، ޖޫރިމަނާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.