އައިޖީއެމްއެޗް ނަރުހުންގެ ފްރަންޓްލައިން އެލަވަންސް ޝީޓް ފައިނޭންސަށް ނުފޮނުވާކަން އެނގި ނަރުހުން މިއަދު ހެނދުނުން ފެށިގެން ހިމޭން އިހުތިޖާޖެއް ކުރަމުން އެބަދެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރާ ވޮލަންޓިއަރުންނާއި އައިޖީއެމްއެޗުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އެލަވަންސް ނުލިބޭތާ އެތައް މަހެއް ފަހުން، މި މަހު މުސާރަ ޖަމާވި އިރު ބައެއް މީހުންނަށް އެލަވަންސް ލިބުނުއިރު އެ އެލަވަންސް ދީފާ ވަނީ ހަމައެއް ލަމައެއް ނެތް ގޮތަކަށް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހަކު "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ އެލަވަންސްގެ ޝަކުވާ އައިޖީއެމްއެޗްގެ އެޗްއާރްގައި ކުރަމުން އަންނަ ކަމަށާއި ކޮންމެ ފަހަރަކުވެސް ބުނަމުން އަންނަނީ އެލަވަންސް ޝީޓް ހަދާ، ފައިނޭންސްއަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ އިހުތިޖާޖު ފަށާފައި ވަނީ އެ ޝީޓް ހަދާފައިވެސް ނުވާތީއާއި ފައިނޭންސްއަށް ފޮނުވި ކަމަށް ބުނެ ނުފޮނުވާ ކަން ކަށަވަރު ވެގެން ކަމަށެވެ.

ނަރުހަކު ބުނީ އެ އިހުތިޖާޖު މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ އިރު އައިޖީއެމްޗްގެ ހުރިހާ ވޯޑެއްގެ ނަރުހުން އަންނަނީ އެ އިހުތިޖާޖުގައި ބައިވެރިވަމުން ކަމަށާއި ކޮންމެ ބަޔަކުވެސް ޑިއުޓީ ނިންމާ އިހުތިޖާޖުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

އެ ނަރުސް އިތުރަށް ބުނީ، އިހުތިޖާޖު ނިންމާނީ، އެލަވަންސް ޝީޓު ހަދާ ފައިނޭންސަށް ފޮނުވުމުން ކަމަށެވެ.

"ކިއްވެ ހޭ އެއްތަނެއްގައި މަސައްކަތްކުރާ ބައެއްގެ ތެރެއިން އެއްބަޔަކަށް އެލަވަންސް ލިބިފަ އަނެއް ބަޔަކަށް އެ އެލަވަންސް ނުލިބޭންވީ"
އައިޖީއެމްއެޗްގެ ނަރުހަކު

ނަރުހަކު ބުނީ ފެށުނީންސުރެ އެ އެލަވަންސް ނުލިބޭ މީހުން ތިބިއިރު އެ އެލަވަންސް ލިބުނު ނަރުހުންގެ ތެރެއިން އެއްބަޔަކަށް 6000 ރުފިޔާ، އަނެއް ބަޔަކަށް 1000 އަދި 500 ރުފިޔާވެސް ލިބިފައިވާ ކަމަށެވެ.

ނަރުހުން ބުނީ ބައެއް ޑޮކްޓަރުންނަށް އެ އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބުނު އިރު އެމްބިއުލާންސްގެ ހިދުމަތުގެ ބައިގައި މަސައްކަތް ކުރާ މީހުންނަށް 45،000 ރުފިޔާ ލިބުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ދޭން ބުނި ފްރޮންޓްލައިން އެލަވަންސްގެ މައްސަލައަކީ ސަރުކާރަށް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެކެވެ. މި މައްސަލަ ފެންމަތިވާ ކޮންމެ ފަހަރަކު ކޮންމެވެސް ބަޔަކަށް އެލަވަންސް ދީފައި، އެވާހަކަ އިއުލާން ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން އެހާ ހިސާބަށް ނިންމާލައެވެ.

ފްރޮންޓްލައިން އެލަވަންސް ނުލިބިގެން މިމަހު 16 ވަނަ ދުވަހުވެސް މުަވއްޒަފުންތަކެއް ވަނީ ހެލްތް މިނިސްޓްރީ ދޮށުގައި އިހުތިޖާޖު ކޮށްފައެވެ. އަދި ކޮވީޑާ ގުޅިގެން ދޭން ޖެހޭ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި މިޙާތަނަށް 280 މިލިއަން ރުފިޔާ ދީފައިވާކަމަށް މިއަދު ފިނޭންސް މިނިސްޓްރީން ބުނިކަންވެސް ފާހަގަ ކޮށްލެވެއެވެ.