ޑެލްޓާ ވޭރިއަންޓް ގޮތަށް ނުވަތަ އެއަށް ވުރެ ހަލުވިކޮށް އޮމިކްރޯން ވޭރިއަންޓް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންނަމަވެސް އެކަން އަދި ޔަގީން ނުކުރެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއަށް ވެސް އައިސްފާނެ ކަމުގެ ކަންބޮޑުވުން ފެތުރެމުން ދާތީ، އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޑރ. ނަލްޒާ ވިދާޅުވީ ވެކްސިން އުފައްދާ ފަރާތްތަކުންވެސް ވެކްސިންގެ އަސަރު އޮމިކްރޯން އަށް ކުރާ މިންވަރު ބަލަމުން ގެންދާ ކަމަށާއި ގާތްގަނޑަކަށް ދެ ހަފްތާ ވަރު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ޑެލްޓާ ގޮތަށް ނުވަތަ އެއަށް ވުރެ ހަލުވިކޮށް އޮމިކްރޯން ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންނަމަވެސް އެކަން ޔަގީން ނުކުރެވޭ ކަމަށް ވިދާޅުވިވެ.

ގައުމުތަކުން މިހާރުވެސް އޮމިކްރޯން ފެންނަކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ ރާއްޖޭގައި އެޅި ފިޔަވަޅުތަކުން އެ ވޭރިއަންޓް ރާއްޖެއައުން ލަސްކުރެވޭނެ ކަމަށާއި އެހެންނަމަވެސް އެއްކޮން އައުން ނުހުއްޓުވޭނެ ކަމަށެވެ.

ނަލްޒާ ވިދާޅުވީ ކޮވިޑް-19 ޖެހުމުން އެއީ ކޮން ވޭރިއަންޓެއްތޯ ބެލުމަށް އިތުރަށް ތަހުލީލުތައް ހެދުމަށް "ޖީން ސީކުއެންސް" ހެދުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން 50 ނުވަތަ އެއަށް ވުރެ ގިނަ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވައިގެން ގަވާއިދުން ސީކުއެންސިން ހަދަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ޖުމްލް 830 ސާމްޕަލްއެއް ފޮނުވާފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ އައިޖީއައިބީއަށް މިހާތަނަށް 740 ސާމްޕަލް ފޮނުވި ކަމަށާއި އޭގެތެރެއިން ވަރަށް މަދު ސާމްޕަލް އެއް ފިޔަވާ ޑެލްޓާ ވޭރިއަންޓްގެ ވައްތަރުތައް އުޅޭ ކަމަށެވެ. އަދި ރާއްޖޭގައި ޖީން ސީކުއެންސް ކެޕޭސިޓީ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވަނީ 3820 މީހުންގެ ޕީސީއާރު ޓެސްޓު ކޮށްފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 76 މީހުނެވެ.