މިހާތަނަށް ނެގި ސާމްޕަލް ތަކުން 506 މީހަކު އިންޕްލުއެންޒާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ މުޅި ރާއްޖެއިން މިހާތަނަށް 1571 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 506 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެތެރެއިން، މިހާތަނަށް މާލެއިން 1346 މީހުން އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާ އިރު، 457 މީހުން ވަނީ މި ބައްޔަށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައެވެ. އެންމެ ގިނައިން މި ބައްޔަށް މީހުން ޕޮޒިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނެވެ. އެ އުމުރުފުރައިން މާލެ ސަރަހައްދުން 177 މީހުން ޕޮޒިޓިްވެފައިވާއިރު، ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ 6 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރައިންނެވެ. އެއީ 59 ކުދިންނެވެ.

ޑރ. އަފްޒަލް ވަނީ އަރިދަފުސް ރޯގައިގެ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.

"އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ކޮވިޑަށް ޓެސްޓު ކުރުން މުހިންމު. އެއީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކާއާއި ކޮވިޑް ވެސް އަދިވެސް ފެތުރެމުން ދާތީ ޔަގީން ކުރުމުގެ ގޮތުން"
ޑރ. އިބްރާހިމް އަފްޒަލް

ޑރ. އަފްޒަލް އިތުރަށް ވަނީ މިދުވަސްކޮޅު އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.