ކޮވިޑް-19އާ ދެކޮޅަށް އެޅޭ އެންމެ ބޮޑު ފިޔަވަޅަކީ މާސްކް އެޅުން ކަމަށާއި، މާސްކް ނާޅާ އުޅޭ ހާލަތަށް ރާއްޖެ އަދި ނުދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރު ކަމަށާ، ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރު ތެރޭގައި ނޫޅުމުށާއި މާސްކް ބޭނުން ކުރުމަށެވެ.

"މާސްކް އެޅުމަކީ މި ބަލިން ރައްކާތެރިވުމަށް އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށްވާތީވެ، އެކަން އަދިވެސް ދޫކޮށްލާ ހިސާބަކަށް އަޅުގަނޑުމެންގެ ހާލަތެއް ނުދޭ، އެހެންވެ އަދިވެސް މާސްކް އެޅުން ވަރަށް މުހިންމު".
ޑރ. އިބްރާހިމް އަފްޒަލް

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަލާމަތްތައް ހުންނަ މީހުންވެސް ސާމްޕަލް ނުދޭ މައްސަލަ ކަމަށާއި ސާމްޕަލް ދޭ މީހުންވެސް ޑައިރެކްޓް ކޮންޓެކްޓް ހޯދުމުގެ މަސައްކަތުގެ ތެރެއިން ސައްހަ މައުލޫމާތު ނުދޭ މައްސަލަ ކަމަށެވެ. އެހެންކަމުން ޕޮޒިޓިވްވާ އަދަދު މަދުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމަށް އަފްޒަލް ނަސޭހަތްތެރިވެ ވަޑައިގަތެވެ.