ކޮވިޑް-19 ގެ އާ ވޭރިއެންޓު އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ރާއްޖޭން ފެނިއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓު ޑރ. އިބްރާހީމް އަފްސަލް ވިދާޅުވީ، މި ހަތަރު ކޭސްވެސް ފެނިފައިވަނީ ރާއްޖެ އައި ފަތުރުވެރިންގެ ގައިން ނެގި ސާމްޕަލް ތަކުން ކަމަށެވެ.

އެންމެ ފުރަތަމަ ރާއްޖޭން އޮމިކްރޮން ފެނިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. އެއީ މިދިޔަ މަހުގެ 27 ގައި ރާއްޖެ އައި ފަތުރުވެރިއެއްގެ ގައިން ނެގި ސާމްޕަލް އަކުންނެވެ.

ނަމަވެސް، އެންމެ ފުރަތަމަ ފެނުނު އޮމިކްރޮންގެ ކޭހާއި މި ހަތަރު ކޭހަކީ އެއްވެސް ގުޅުމެއް ނެތް ކޭސްތަކެއް ކަމަށާއި، މި ކޭސްތަކުގެ ރިސްކް އެސެސްމެންޓުތައް ހަދަމުން ގެންދާ ކަމަށް އަފްސަލް ވިދާޅުވިއެވެ.

އެއާއެކު އަފްސަލް ވަނީ އޮމިކްރޮން އާ މެދު ވަކި ހާއްސަ ފިޔަވަޅެއް ނެތް ކަމަށާއި، މި ވޭރިއެންޓަކީ ގައިން ގައަށް ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއެންޓެއް ކަމަށްވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުމަށް އަފްޒަލް އެދިވަޑައިގެންނެވިއެވެ.

އެހެންވެ ސަރުކާރުން ވަނީ އާ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިދިޔަ މަހުގެ 28 އިން ފެށިގެން އެފްރިކާގެ ދެކުނަށް ނިސްބަތްވާ ހަތް ގައުމު ކަމަށްވާ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކު، ލެސޯތޯ، ބޮޓްސްވާނާ، ޒިމްބާބްވޭ، އަދި އެސްވަޓީނީން ރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ

އޮމިކްރޯނާ ދެކޮޅަށް ރާއްޖޭން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވެކްސިނަށް ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުން ފެށިގެން ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.