ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އެރި 3 ވަނަ ގައުމަކަށް އަވަށްޓެރި އިންޑިއާ ވެއްޖެއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިންޑިއާއިން 2027074 މީހަކު ވަނީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިހާ ހިސާބަށް އައިއިރުވެސް އިންޑިއާއިން 1665 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އިންޑިއާއިން އިއްޔެ 62170 މީހަކަށް ބަލި ޖެހުނު ކަމަށް ރެކޯޑް ތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން އިންޑިއާއިން އިއްޔެ 899 މީހަކު މަރުވިކަމަށް ރެކޯޑް ކޮށްފައިވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 41638 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 5 ވަނައަށް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކޮށްފައިވާ ގައުމެވެ.

އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 607331 ކޭހެކެވެ. މީގެ ތެރޭގައި 8944 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަސް މައުލޫމާތު ލިބެއެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 1378105 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.