އާ ގާނޫނު ހަދާ މަޖިލީސް އެކުލަވާލުމަށް ސްރީލަންކާގައި ކުރިއަށް ގެންދާ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މި ފަހަރުގެ އިންތިހާބުގައި، މިހާރުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ތާއީދު ބޮޑު ކަމަށް ޚަބަރު ލިބެއެވެ. މަހިންދާ ރާޖަޕަކްސަ ގެންދަވަނީ ބޮޑުވަޒީރު ކަމުގެ މަގާމު ދިފާއު ކުރެއްވުމަށް، މަޖިލީހުގެ 225 ގޮނޑީގެ މެޖޯރިޓީ ކަށަވަރު ކުރެއްވުމަށް ބުރަ މަސައްކަތްތަކެއްވެސް ކުރައްވަމުންނެވެ.
މިއަދު ކުރިއަށްދާ އާންމު އިންތިހާބުގައި، ރާޖަޕަކްސަ އާއިލާގެ 4 މެމްބަރަކު ވާދަކުރައްވައެވެ.
196 މެމްބަރަކު އިންތިހާބު ކުރުމަށް، 16 މިލިއަން މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ވާއިރު، ބާކީ ހުރި ގޮނޑިތަކަށް މެމްބަރުން އައްޔަން ކުރަން ހަމަޖެހިފައި ވަނީ، އެކުލަވާލާފައިވާ ގައުމީ ލިސްޓުގައިވާ ނަންތަކުގެ ތެރެއިން، ކޮންމެ ޕާޓީއަކަށް ނުވަތަން މިނިވަން ގުރޫޕަކަށް ވޯޓު ލިބޭ ގޮތަށް ބަލައިގެންނެވެ.
ސްރީލަންކާގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހަށެވެ. ނަމަވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު 2 ފަހަރެއްގެ މަތިން ވަނީ އިންތިހާބު ފަސްކޮށްފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ލަންކާގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތަކާވެސް އެކުގައެވެ. މިކަމަށް ތައްޔާރު ވުމުގެ ގޮތުން ލަންކާއިން ވަނީ ރަމްޒީ އިންތިހާބުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. ވޯޓުލާ މަރުކަޒުތަކުގައި ޖިސްމާނީ ގައިދުރުކަން ދަމަހައްޓާ އިރު، ވޯޓުލާން ދާ މީހުން އަމިއްލަ ގަލަން ގެންދިއުމަށް ބާރު އަޅައެވެ.
މިއަދު ހަވީރާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު، ވޯޓު ގުނަން ފަށާނީ ބުރާސްފަތި ދުވަހުއެވެ. އަދި ނަތީޖާ ލިބޭ ވަރު ވާނީ ހުކުރު ދުވަހު ކަމަށް ޚަބަރު ލިބެއެވެ.