އަވަށްޓެރި ސްރީލަންކާގައި ބުދަ ދުވަހު ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓު ކާމިޔާބު ކުރެވިއްޖެ ކަމަށް އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.
ސްރީލަންކާގައި އިއްޔެ ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގައި، އެ ގައުމުގެ ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާއިން ހިންގާ ސްރީލަންކާ ޕީޕަލްސް ޕާޓީ (އެސްއެލްޕީޕީ) އިން ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.
ލަންކާ ގަޑިން މިރޭ 08:30 ގެ ނިޔަލަށް ގުނާ ނިމިފައިވާ ވޯޓުގެ ނަތީޖާއަށް ބަލާއިރު އެސްއެލްޕީޕީން ވަނީ 60 ޕަސެންޓް ކަށަވަރުކޮށްފައެވެ.
އެސްއެލްޕީޕީގެ މި ކާމިޔާބީއާއެކު ސަރަހައްދީ ލީޑަރުން ގެންދަވަނީ އެސްއެލްޕީޕީގެ އިސް އޮފިޝަލުންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުއްވަމުންނެވެ. އެގޮތުން ބޮޑުވަޒީރު ކަން ކަށަވަރު ކުރައްވަން ނިކުމެ ހުންނެވި މަހިންދަ ރާޖަޕަކްސައަށް އެންމެ ފުރަތަމަ ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވި އެއް ލީޑަރަކީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާ، ކުރީގެ ރައީސް އަދި މިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރާޖަޕަކްސަ އާއިލާއާއި އެ ޕާޓީން ކޮންޓްރޯލް ކުރާ އެސްއެލްޕީޕީއަށް މަރުހަބާ ވިދާޅުވެފައެވެ.
މިފަހަރުގެ އިންތިހާބުގައި ރާޖަޕަކްސަ އާއިލާގެ 4 ބޭފުޅަކު ވާދަކުރައްވައެވެ. ރައީސް ގޮތަބާޔާ ރާޖަޕަކްސަ ގެންދަވީ މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ އަގުލަބިއްޔަތު ހޯއްދެވުމަށް އުއްމީދު ކުރައްވަމުންނެވެ. ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ހުންނެވި ބޮޑުވަޒީރުކަން ދިފާއު ކުރެއްވުމުގެ އަޒުމުގައެވެ.
ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފުރަތަމަ އިންތިހާބުގެ ރެކޯޑާއެކު ލަންކާއިން އިއްޔެ ކުރިއަށް ގެންދިޔަ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓު ގުނަން ފަށަފައި ވަނީ މިއަދު އެވެ. ރަސްމީ ނަތީޖާ ލިބޭ ވަރު ވާނީ މާދަމާގެ ވަގުތެއްގައެވެ.