ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ، އެ ގައުމުގެ 13 ވަނަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ރާޖަޕަކްސަ، ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައި ވަނީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. މަގާމުގެ ހުވާ ކުރެއްވީ، ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައެވެ.

މިއީ މަހިންދަ ރާޖަޕަކްސަ، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި 4 ވަނަ ފަހަރެވެ.

މިމަހުގެ 5 ވަނަ ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ކުރުނުގެލާ ސަރަހައްދުން ވާދަ ކުރެއްވި މަހިންދާ ރާޖަޕަކްސައަކީ މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ. އޭނާ ވަނީ 527364 ވޯޓު ހޯއްދަވާފައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ (މ) އާއިލާގެ 4 މެމްބަރަކު އާންމު އިންތިހާބުގައި ވާދަކުރެއްވި/ފޮޓޯ: ޔާހޫ

ބައި ގަރުނު ސިޔާސީ މައިދާނުގައި ހޭދަ ކުރައްވާފައިވާ މަހިންދާ ރާޖަޕަކްސަ ވަނީ 2005 – 2015 އަށް ސްރީލަންކާގެ ރައީސްކަންވެސް އަދާކުރައްވާފައެވެ. މަހިންދާ ރާޖަޕަކްސަ އެންމެ ފުރަތަމަ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގަތީ 1970ގެ އަހަރުތަކުގައެވެ. އޭގެ ފަހުން 1995-2004 އަށް އޭނާ ވަނީ ވަޒީރުންގެ މަޖިލީހުގައިވެސް އިސް ދައުރެއް އަދާ ކުރައްވާފައެވެ.

މަހިންދާ ރާޖަޕަކްސައަކީ ސްރީލަންކާގެ ތާރީހުގައިވެސް ބޮޑުވަޒީރު ކަމުގެ މަގާމު 4 ވަނަ ފަހަރަށް ކާމިޔާބު ކުރެއްވި ފުރަތަމަ ސިޔާސީ ޝަހްސެވެ.