ބޮޑެތި އޮޅުންތައް އަރާ، ސަރުކާރު ތެރޭގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިކުރާ ގޮތަށް އޮތް މާއްދާ 19އޭ، ގާނޫނު އަސާސީއިން އުނިކޮށް، ސްރީލަންކާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ލަންކާގެ އާ ގާނޫނު ހަދާ މަޖިލިހުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ގޮތަބާޔާ ރާޖަޕަކްސަވެސް ވަނީ 19 ވަނަ މާއްދަ އުވާލައްވަން އެއްބާރުލުން ދޭނެކަން ހާމަކުރައްވާފައެވެ.

ސްރީލަންކާގައި މިމަހު އަލަށް އެކުލަވާލި ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު ކެހެލިއާ ރަމްބުކްވެއްލާ ވިދާޅުވީ، އެންމެ ފުރަތަމަވެސް އުވާލާނީ މާއްދާ 19އޭ ކަމަށެވެ. އާ ގާނޫނު އަސާސީއެއް ގެނައުމަށް ރައްޔިތުން ހަވާލުކޮށްފައިވާއިރު، އެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށްވެސް ރަމްބުކްވެއްލާ ވަނީ ވިދާޅުވެފައެވެ.

2015 ވަނަ އަހަރު ތަސްދީގު ކުރި މާއްދާ 19އޭ އަކީ، އޭރު ލަންކާގައި އޮތް ސަރުކާރުން ތަންފީޒުކުރި ގާނޫނެކެވެ. ނަމަވެސް، އެ ގާނޫނަކީ މިއަދު ލަންކާގެ ސިޔާސީ މައިދާނަށް ނުފޫޒުގަދަ ރާޖަޕަކްސަގެ ހާންދާނުން އެ ގާނޫނަކާ ދެކޮޅު ގާނޫނެއް ކަން ފާހަގަކުރަންޖެހެއެވެ. މާއްދާ 19އޭ އަކީ، ޑުއަލް ސިޓިޒަންޝިޕް އޮންނަ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮންނަ މާއްދާއެކެވެ. އެ މާއްދާ ތަސްދީގު ކުރި ދުވަސްވަރަކީ، ރާޖަޕަކްސަ ހާންދާނުގެ ނުފޫޒުގަދަ 2 މެމްބަރަކު، ޑުއަލް ސިޓިޒަންޝިޕް ގެންގުޅުއްވި ދުވަސްވަރެކެވެ. މިހާރުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަވެސް އޭރު ވަނީ އެމެރިކާއިންވެސް ސިޓިޒަންޝިޕް ހޯއްދަވާފައެވެ. ނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ގޮތަބާޔާ ވަނީ، އެމެރިކާގެ ރަށްވެހިކަން ދޫކޮށްލައްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނު އަސާސީއިން މާއްދާ 19އޭ އުވާލުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ރާޖަޕަކްސަ ހާންދާނުގެ އިތުރު މެމްބަރަކަށް ގާނޫނު ހަދާ މަޖިލީހުން ފުރުސަތު ދިނުމަށެވެ. މާއްދާ 19އޭ އަކީ، މަހިންދާ ރާޖަޕަކްސަގެ ސަރުކާރުން އުފެއްދި މާއްދާ 18އޭގެ ސަބަބުން އުފެދުނު ބާރުތަކުގެ ނަހަމަކަން ފޫބެއްދުމަށް އުފެއްދި މާއްދާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މާއްދާ 18އޭ އަކީ 2 ދައުރަށްވުރެ ގިނައިން ވެރިކަމުގައި ނުހުރެވޭ ގޮތަށް އޮންނަ އޮތުން ބާތިލުކުރާ މާއްދާއެކެވެ. ނަމަވެސް، މާއްދާ 19އޭއަކީ، މި ބަދަލު އިހު އޮތް ގޮތަށް ރުޖޫއަށްކޮށް، ވެރިކަމުގެ ދައުރު 6 އަހަރުން 5 އަހަރަށް ކުޑަވެސް ކުރި މާއްދާއެކެވެ.