ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފުރަތަމަ އިންތިހާބުގެ ރެކޯޑާއެކު މިދިޔަ ބުދަ ދުވަހު އަވަށްޓެރި ސްރީލަންކާއި އޮތް އެ ގައުމުގެ އާންމު އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.
ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ނަތީޖާއަށް ބަލާއިރު، ސާފު އަގުލަބިއްޔަތާއެކު ކުރީގައި އޮތީ ސްރީލަންކާގެ ސިޔާސީ މައިދާނަށް ނުފޫޒު ގަދަ ރާޖަޕަކްސަ އާއިލާއިން ކޮންޓްރޯލް ކުރަމުންދާ ސްރީލަންކާ ޕީޕަލްސް ޕާޓީ (އެސްއެލްޕީޕީ)އެވެ.
ރައީސް ގޮތަބާޔާ ރާޖާޕަކްސައާއި ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެސްއެލްޕީޕީއިން ވަނީ މިފަހަރުގެ އިންތިހާބުގައި އާންމުން ލީ 6853690 ވޯޓުގެ ސައްހަ ވޯޓުގެ ތެރެއިން 59.09 ޕަސެންޓް ކަށަވަރުކޮށްފައެވެ.
މަހިންދާ ރަޖަޕަކްސަގެ މޭސްތިރިކަމުގެ ދަށުން ހިންގަވާ އެސްއެލްޕީޕީއިން ވަނީ، ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 255 ގޮނޑީގެ ތެރެއިން 128 ގޮނޑި ކާމިޔާބު ކޮށްފައެވެ.
އެސްއެލްޕީޕީއާއި އެންމެ ގާތުން މަޖިލީހުން ދެން އެންމެ ގިނަ އަދަދަކަށް ގޮނޑި ކަށަވަރު ކުރީ، ކުރީގެ އިދިކޮޅޫ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ސަޖީތު ޕްރީމަދާސަ ހިންގަވާ އެސްޖޭބީ ޕާޓީއިންނެވެ. އެސްޖޭބީއިން ވޯޓުގެ 23.90 ޕަސެންޓް ހޯދާ، މަޖިލީހުން 47 ގޮނޑި ކަށަވަރުކޮށްފައެވެ.
3 ވަނާގައި އޮތީ އަނޫރާ ކުރާމަ ޑިސަނަޔަކަ އިސްކޮށް ހުންނަވާ ޖޭޖޭބީއެވެ. އެ ޕާޓީއަށް ލިބުނު 3.84 ޕަސެންޓް ތާއިދާއެކު، މަޖިލީހުން 2 ގޮނޑިއެއް ވަނީ ކަށަވަރުކޮށްފައެވެ. އީޕީޑީޕީއިންވެސް ވަނީ 2 ގޮނޑި ކަށަވަރުކޮށްފައެވެ. ޓެމިލް ކޮންގްރެސް (އޭއައިޓީސީ) އިން ކަށަވަރުކުރީ 1 ގޮނޑިއެވެ. 1 ގޮނޑި ކަށަވަރު ކުރި އިތުރު ޕާޓީތަކުގެ ތެރޭގައި ޓީއެމްވީޕީ، އެސްއެލްއެފްޕީ، މުސްލިމް ނޭޝަނަލް އެލާޔަން (އެމްއެންއޭ)، ޓީއެމްޓީކޭ، އޭސީއެމްސީ، އެންސީ، އަދި ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) ހިމެނެއެވެ.
ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ އިސްކޮށް ހުންނަވައިގެން ހިންގަވާ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ 2.15 ޕަސެންޓްގެ ތާއީދެކެވެ. މިއީ އެ ޕާޓީގެ ތާރީހުގައިވެސް ވޯޓުން ގޮނޑިއެއް ކާމިޔާބު ނުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ސްރީލަންކާގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް އޮންނަ އުސޫލުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ލިސްޓުގެ ތެރެއިން ޔޫއެންޕީއަށް ވަނީ 1 ގޮނޑި ލިބިފައެވެ.
މިފަހަރުގެ އާންމު އިންތިހާބުގައި ރާޖަޕަކްސަގެ އާއިލާއިން 4 މެމްބަރަކު ވާދަކުރެއްވިއެވެ. މި އިންތިހާބުގައި ރާޖަޕަކްސަގެ ސިޔާސީ ޕާޓީން ހޯދި ކާމިޔާބީ ފާހަގަކުރައްވާ، ދިވެހި ސަރުކާރާ ވެރިކަން ކުރާ ޕާޓީގެ އިސް އޮފިޝަލުންވެސް ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ.