ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ތައުލީމު ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން އަދުގެ ޖީލަށް ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށާ، ލޯކަލް ޓްރާންސްމިޝަން ކޮންޓްރޯލް ކުރެވުނުހާއަވަހަކަށް ގައުމުތަކުން އެންމެ ހާއްސަ ސަމާލުލަކަމެއް ދޭންޖެހޭނެ ކަމަކީ، ރައްކާތެރި ކަމާއެކު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ތައުލީމު ފޯރުކޮށްދިނުން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

އދގެ އިދާރާތަކާ ތައުލީމީ ދާއިރާގެ ބައިވެރިން ގުޅިގެން ތައާރަފުކުރި "ސޭވް ދަ ފިއުޗާ" ކެމްޕޭން ލޯންޗްކޮށްދެއްވާ އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ތައުލީމީ ދާއިރާ ދުށް އެންމެ ބޮޑު ބުރޫ އަރާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކުގައި ކަމަށެވެ.

ޕްރީ ސްކޫލް ދަރިވަރުން / ފޮޓޯ: ކިންޑާ ޕްރީސްކޫލް

ޓީވީ، ރޭޑިއޯ އަދި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފިލާވަޅުތައް ފޯރުކޮށްދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އަދި މުދައްރިސުންނާ ބެލެނިވެރިން ކިތަންމެ ބުރަ މަސައްކަތެއް ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ގިނަ ދަރިވަރުންތަކެއް އަދިވެސް އިލްމުން މަހްރޫމް ވެފައިވާކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ހުސްވި މަހުގެ މެދަކާ ހިސާބަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 160 ގައުމެއްގެ ސްކޫލްތައް އޮތީ ބަންދުކޮށްފައި ކަމަށާ، މިކަމުގެ އަސަރު 1 ބިލިއަނަށްވުރެ ގިނަ ކުދިންނަށް ފޯރާފައިވާކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 މިލިއަނަށްވުރެ ގިނަ ކުދިންނަކީ އިލްމީ ދުނިޔެއަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށްވާ ޕްރީސްކޫލްގެ އަހަރުގެ އިލްމުންވެސް މަހްރޫމްވެފައިވާ ކުދިން ކަން ފާހަގަކުރަންޖެހެއެވެ.

ގުޓެރޭޒް އިތުރަށް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާ، އާބާދީގެ ނިސްބަތުން ބައިމަދު ނަސްލުތަކުގެ ދަރިވަރުންނާ، ތަނަވަސްކަން ނެތް މުޖުތަމައުތަކުގައި ތިބި ކުދިންނާ، ރެފިއުޖީ ދަރިވަރުންނާ، އެކަހެރި ސަރަހައްދުތަކުގައި ތިބި ދަރިވަރުންނަކީ، މި ދަނޑިވަޅުގައި ބާކީވެގެން ދިއުމުގެ އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ ކުދިންކަމަށެވެ.

ރެފިއުޖީ ކުޑަކުއްޖަކު، އދގެ އެހީގެ ޕެކޭޖެއް ހިފައިގެން/ފޮޓޯ: އދ

ޑިސްޓަންސް ލާނިންގް ނުވަތަ ދުރުންދޭ ތައުލީމީ ނިޒާމުގެ ތެރެއިން އިލްމު ހާސިލު ކުރުމުގެ އާދަ އުފެދިގެން އައި ނަމަވެސް، ތައުލީމީ ދާއިރާގައި ކާމިޔާބު ހާސިލުވުން ގުޅިފައިވަނީ ދަރިވަރުންގެ އާންމު ދިރިއުޅުމުގެ ހާލަތާ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް އިލްމީ ދާއިރާއަށް ގޮންޖެހުންތަކެއް ހުރި ކަމަށާ، ނަމަވެސް މި ބަލިމަޑުކަމާއެކު އަދުގެ ޖީލަށް ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން، އިންސާނީ ވަސީލަތްތަކަށް އެކަމުގެ ނޭދެވޭ އަސަރު ފީރާ، އަންނަން އޮތް އެތައް އަހަރެއް ހީނަރުވެގެން ހިނަގއިދާނެ ކަމަށްވެސް ގުޓެރޭޒް ވަނީ އިންޒާރު ކުރައްވާފައެވެ.

ގިނަ އަދަދެއްގެ ރެފިއުޖީން ދަނީ ކޮވިޑް-19ގެ ފްރަންޓްލައިންގައިވެސް ހިދުމަތް ކުރަމުން/ފޮޓޯ: ޔުނިސެފް

މިކަމުގެ އަސަރު އެހެން ގޮތް ގޮތުންވެސް ފޯރާނެކަން ފާހަގަކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ފައިދާ ހުރި ކާނާ ލިބިގެން ކުއްޖާ ހެދި ބޮޑުވުމަށް ހުރަސް އެޅި، ޅަ އުމުރުގައި ކައިވެނި ކުރަން މަޖުބޫރުވެ، ޖިންސުގެ ތަފާތު ކުރުންތައް ކުރިމަތިލާންޖެހުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމަށެވެ.

އދއިން އިސްވެ ތައާރަފު ކުރި "ސޭވް ދަ ފިއުޗާ" ކެމްޕޭނަކީ މައިގަނޑު 4 ކަމަކަށް އަލިއަޅުވާލާ ކެމްޕޭނެކެވެ. އެގޮތުން ސްކޫލްތައް އަލުން ހުޅުވުމާ، މާލީ ނިންމުންތައް ނިންމުމުގައި ތައުލީމީ ދާއިރާ އިސްކުރުމާ، އިލްމު ފޯރުކޮށްދިނުމަށް އެންމެ އުނދަގޫވެފައިވާ ދާއިރާތަކަށް އަމާޒުކޮށްގެން މަޝްރޫއު ހިންގުމާ، އިލްމު އުނގަންނައިދޭނެ ބިނާކުރަނިވި ގޮތްތައް ހޯދުމަށް މި ކެމްޕޭން ބާރުއަޅައެވެ.