ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލީގައި 803 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާ، މި ވަގުތުގެ ތެރޭގައި އެ ގައުމުން އިތުރު 52050 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އަވަށްޓެރި އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބީބީސީން ރިޕޯޓްކުރާ ގޮތުގައި، މިއީ ދުނިޔޭގެ ނިސްބަތުންވެސް ރެކޯޑް އަދަދުތަކެކެވެ.
މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އަށް ކޮންމެ ދުވަހަކުވެސް ބައި ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން އިންޑިއާއިން ރިޕޯޓްކުރާތާ މިއީ، ވިދިވިދިގެން 6 ވަނަ ދުވަސް ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓްކޮށްފައެވެ.
މިވަގުތާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1858689 އަށް އަރާފައެވެ. ޖީއެމްޓީގަޑިން ރޭ މެންދަމު 00:00 ގެ ފަހުން މި ވަގުތާ ހިސާބަށްވެސް 3358 މީހަކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ކޮވިޑް-19ގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 39002 އަށް އަރާފައެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ މަހާރާޝްތްރާ ސްޓޭޓުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 148843 ކޭހެއް ވަނީ ރެކޯޑް ކޮށްފައެވެ. އަދި އެ ސްޓޭޓުން 16108 މަރުގެ ރިޕޯޓެއްވެސް ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.
މުޅި އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 588005 ކޭހެކެވެ. އަދި 8944 ޕޭޝަންޓުންގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. 1.38 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި މިހާތަނަށް 20864750 ސާމްޕަލެއް ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވާއިރު، މިއީ ކޮންމެ 1 މިލިއަން މީހަކަށް އެންމެ 15106 ޓެސްޓެވެ.