ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވަމުންދާ ދިއުމާ ގުޅިގެން، މި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް، ހޮންގްކޮންގްއިން މިހާތަނަށް ތަންފީޒު ނުކުރާ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ނިންމައިފިއެވެ.

އެގޮތުން، މިއަދުން ފަށައިގެން ހޮންގްކޮންގްގެ އެއްވެސް ރެސްޓޯރަންޓެއްގެ ތެރޭގައި ކެއިންބުއިމުގެ ހިދުމަތް ދިނުން މަނާ ކޮށްފައިވާއިރު، 2 ގޭބިސީއަކުން އެންމެ ގިނަ ވެގެންވެސް ބައްދަލު ކުރެވޭނީ 2 މީހަކަށް ކަމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އާންމު ތަންތަނުގައި ފޭސް މާސްކު ބޭނުން ކުރުންވެސް އޮތީ ލާޒިމު ކޮށްފައެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި މީގެ ކުރިން ކާމިޔާބީތަކެއް ހޯދަމުންދިޔަ ހޮންގްކޮންގްއިން މިހާރު ކޮންމެ ދުވަހަކުހެން އާ ކޭސްތައް ރިޕޯޓް ކުރަމުންދަނީ 100 އަށް ވުރެ މަތިންނެވެ.

މިމަހަކީވެސް ހޮންގްކޮންގްގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރި މަހެކެވެ. އެގޮތުން ބާތަކާ، ޖިމްތަކުގެ އިތުރުން ސެލޫން ފަދަ ތަންތަންވެސް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް އިއްޔެ އެކަނިވެސް 106 ކޭހެއް ރެކޯޑް ކޮށްފައިވާއިރު، 23 މަރުގެ ރިޕޯޓެއް ލިބިފައިވެއެވެ. ހޯމަ ދުވަހު 145 މީހަކު ޕޮޒިޓިވްވި ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ހޮންގްކޮންގްގައި މިހާރު ފެތުރެމުންދާ ވައިރަހަކީ، ކޮވިޑް-19ގެ ވަރުގަދަ ސްޓްރެއިންއެއް ކަމަށާ، މިއީ ކުރިއަށް ވުރެ ގެއްލުން ދެނެވި ބާވަތެއް ކަމަށް ހޮންގްކޮންގްގެ ސައެންސްވެރިން ދަނީ އިންޒާރު ކުރަމުންނެވެ. ހޮންގްކޮންގްގެ ސައެންސްވެރިން ބުނާ ގޮތުގައި ފާއިތުވީ 22 އަކަށް ދުވަހުގެ ތެރޭގައި މި ވައިރަހަށް ބަދަލު އައިސް، އިތުރަށް ބާރުގަދަވެފައި ވެއެވެ.