ގާތްގަނޑަކަށް 24 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ރެފިއުޖީންގެ ބޯޓެއް ތައިލޭންޑާ ކައިރިން، މެލޭޝިއާގެ އައްސޭރި ފަށުގެ ސަރަހައްދުން ހާލުގައި ޖެހި، އެއިން ދަތުރު ކުރި 1 މީހެއް ފިޔަވާ އެހެން ހުރިހާ އެންމެނަށް ވީ ނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

މި ބޯޓުން ދަތުރު ކުރަމުންދިޔައީ ރޯހިންޏާ ދަރިކޮޅުގެ ހިޖުރަވެރި ރެފިއުޖީން ކަމަށް ޚަބަރު ލިބެއެވެ.

މެލޭޝިއާގެ ކޯސްޓްގާޑް އޮފިޝަލެއް ކަމަށްވާ މުޙައްމަދު ޒަވާވީ ޢަބްދުﷲ ވިދާޅުވީ، ރިސޯޓް ރަށެއް ކަމަށްވާ ލަންގްކާވީއަށް ފަތާފައި އެރި، ނޫރު ހުސައިން ނަމަކަށް ކިއާ އުމުރުން 27 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުންނާ ހަވާލާދީ ޒަވާވީ ވިދާޅުވީ، މި މީހަކީ 24 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ހިޖުރަވެރި ރެފިއުޖީ ބޯޓަކުން ފުންމާލި މީހެކެވެ. އަދި މީނާއަކީ އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން ސަލާމަތުން އެއްގަމަށް އާދެވުނު ހަމަ އެކަނި މީހާވެސް މެއެވެ.

ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވީ ނަމަވެސް، އަދި މިހާތަނަށް އެއްވެސް މީހެއްގެ ހިލަމެއް ވެފައިނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ. އަދި މި ބޯޓު ހާލުގައި ޖެހި، މިފަދަ ހާދިސާއެއް ހިނގި ގޮތުގެ ތަފްސީލެއްވެސް ނުލިބެއެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ މެލޭޝިއާއަކީ، މިޔަންމާގެ ބުދިސްޓް ސަރުކާރުގެ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށް ހިޖުރަކުރާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. ނަމަވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިދާނެ ކަމުގެ ބިރާ، އިގުތިސޯދީ ތަކުލީފުތަކެއް އޮތް ކަމަށް ބުނެ، މެލޭޝިއާއިންވަނީ ރެފިއުޖީން ބަލައި ނުގަތުމަށް ނިންމާފައެވެ. މެލޭޝިއާއަކީ ރެފިއުޖީންގެ ދަރަޖަ ބަލައިގަންނަ ގައުމެއް ނޫނެވެ. މެލޭޝިއާއިން ދަނީ ގަވައިދާ ހިލާފަށް އެގައުމުގައި ދިރިއުޅޭ ހިޖުރަވެރިން ހައްޔަރު ކުރަމުން ކަމަށްވާއިރު، ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.