ސައްހަ ލިޔެކިއުން ނެތި އެ ގައުމަށް އެތެރެވެފައިވާ ހިޖުރަވެރިންނާ މެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ފާޑުކިއުންތަކެއް އަމާޒުކޮށް، އާންމު ޓީވީއަށް އިންޓިވިއު ދިން ބަންގްލަދޭޝްގެ މީހާ ހައްޔަރު ކޮށްފައި ވާކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަލް ޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ރައިހާން ކަބީރު ވަނީ، ގަވައިދާ ހިލާފަށް އެތެރެވެގެން އުޅޭ ހިޖުރަވެރި މަސައްކަތްތެރިންނާ މެދު މެލޭޝިއާގެ ސަރުކާރުން ތަފާތުކުރުން ގެންގުޅޭ ކަމަށާ، އެފަދަ ފަރާތްތައް ހައްޔަރުކޮށް، ޖަލަށް ލަމުން ދާ ކަމަށެވެ.

ހަބަރު ލިބޭ ގޮތުގައި، އުމުރުން 25 އަހަރުގެ ރައިހާން، މެލޭޝިއާއިން ޑީޕޯޓްކޮށްލާނެއެވެ.

މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ފޯރިމަރަނީ/ފައިލް ފޮޓޯ: އަހުމަދު ޔުސްނީ

މެލޭޝިއާގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ހިޖުރަވެރިންނާ ދެކޮޅަށް އެގައުމުން އަޅަމުންދަނީ ލާއިންސަނީ ފިޔަވަޅުތަކެއް ކަމަށް ފާޑުކިއާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މެލޭޝިއާއިން ބުނާ ގޮތުގައި، އެ ގައުމުން މިހާރު ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިފައި ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށެވެ.

ގަވައިދާ ހިލާފަށް އެތެރެވެގެން އުޅޭ ކަމުގެ ކުށުގައި މެލޭޝިއާއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ރޯހިންޏާ ރެފިއުޖީންނާ، ކުޑަކުދިންވެސް ހިމެނޭ ކަމަށް އެކްޓިވިސްޓުން ބުނެއެވެ.

އަލް ޖަޒީރާއިން ބުނީ، އެ ސްޓޭޝަނުން ޖުލައި 3 ވަނަ ދުވަހު ގެނެސްދިން "ލޮކްޑް އަޕް އިން މެލޭޝިއާސް ލޮކްޑައުން" ޝޯއާއި ގުޅިގެން މެލޭޝިއާގެ ފުލުހުން ހާއްސަ ތަހުގީގެއް ފެށި ކަމަށާ، މި ތަހުގީގަކީ، އެ ޑޮކިއުމަންޓްރީގައި ހުރި ވާހަކަތަކަކީ ހަގީގަތުން އެއްކިބާވެފައިވާ، ނާއިންސާފު ވާހަކަތަކެއް ކަމަށް އޮފިޝަލުންނާ މެލޭޝިއާގެ މީޑިއާއިން ކުރި ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

މެލެޝިއާގެ ލަންގްކާވީން ހައްޔަރުކުރި ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންތަކެއް/ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ އިމިގްރޭޝަން ޑައިރެކްޓާ ޖެނެރަލް ޚައިރުލް ޒައިމީ ދާއޫދު ވިދާޅުވީ، ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތު މީހާ ޑީޕޯޓްކޮށް، ދުވަހަކުވެސް މެލޭޝިއާއަށް އެތެރެ ނުވެވޭ ގޮތަށް ބްލެކްލިސްޓް ކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ ކުށެއް ކޮށްގެން ކަމެއް ނުވަތަ ނޫންކަމެއް ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ.

ހައްޔަރު ކުރުމުގެ ކުރިން މެލޭޝިއާގެ ނޫހަކަށް ދިން ރައިހާން ކަބީރު ދިން އިންޓަވިއު އަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައިހާން ކަބީރު ޖިނާއީ ކުށެއް ނުކުރެއެވެ. އޭނާ ދިން އިންޓަވިއުގައި ދޮގެއްވެސް ނުހަދައެވެ. އެ އިންޓިވިއުގައި އޭނާ ވާހަކަދައްކާފައިވަނީ ހިޖުރަވެރިންނާ މެދު މެލޭޝިއާއިން ގެންގުޅޭ ތަފާތު ކުރުންތަކާ ބެހޭ ގޮތުން ކަމަށާ، އޭނާގެ މަގުސަދަކަށްވީ ހިޖުރަވެރިންނާ ބަންގްލަދޭޝްގެ ރައްޔިތުންގެ އަބުރު ދެމެހެއްޓުން ކަމަށް ރައިހާން ކަބީރު ބުނި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ 21 މަދަނީ ޖަމިއްޔާއަކުން ވަނީ ރައިހާން ކަބީރު މިނިވަން ކުރަން ގޮވާލާފައެވެ. އަދި މީޑިއާއަކަށް އިންޓަވިއުއެއް ދިނުމަކީ ޖިނާއީ ކުށެއް ނޫންކަމަށާ، އޭނާ ކުރީ އެފަދަ ކުށެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗްއިން ބުނީ މެލޭޝިއާގެ މި އަމަލީ އެ ގައުމުގައި އުޅޭ ހިޖުރަވެރި މަސައްކަތްތެރިންނަށް ދިން ބިރުވެރި މެސެޖެއް ކަމަށާ، އެ މެސެޖުގައި ބުނަނީ، ކިތަންމެ ބޮޑު އަނިޔާއެއް ތަހައްމަލު ކުރަން ޖެހުނު ކަމުގައި ވީ ނަމަވެސް ހަނު ހުރުން ނޫން ގޮތެއް ނެތް ކަން ކަމަށެވެ.

އަލް ޖަޒީރާއިން ބުނީ، ޑޮކިއުމަންޓްރީގެ މައްސަލާގައި މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން އެ ސްޓޭޝަންގެ މުވައްޒަފަކާ ދެކޮޅަށްވެސް މައްސަލަ ބަލާނެ ކަމަށް ހާމަކޮށްފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގެ އަބުރަށް އުނިކަން ދިނުމާ، މުއާސަލާތާ ބެހޭ ގާނޫނާ ހިލާފުވިކަމުގެ ކުށުގައި، އަލް ޖަޒީރާގެ މުވައްޒަފާ ދެކޮޅަށް މައްސަލަ ބަލަން މެލޭޝިއާގެ ފުލުހުން ނިންމާފައިވާކަމަށް ހަބަރު ލިބެއެވެ.

މެލޭޝިއާއަކީ އެއްވެސް ހާލެއްގައި ރެފިއުޖީންގެ ދަރަޖަ ބަލައިގަންނަ ގައުމެއް ނޫނެވެ. ވަކިން ހާއްސަކޮށް، ދަށް ފަންތީގެ ވަޒީފާތަކަށް ބޭރު ގައުމުތަކުން އަންނަ ހިޖުރަވެރި މަސައްކަތްތެރިންނަށް މެލޭޝިއާއިން ކުރާ އިތުބާރުވެސް އިންތިހާއަށް ކުޑައެވެ. އެ ގައުމުގައި ކޮވިޑް-19 ފެތުރެމުންދާ ދިއުމުގެ އިލްޒާމުވެސް ކަމާބެހޭ ފަރާތްތަކުން އަމާޒުކުރަނީ ހިޖުރަވެރި މަސައްކަތްތެރިންނަށެވެ. އަދި ގައުމުގެ ވަސީލަތްތަކަށް ތަކުލީފު ކުރިމަތި ކުރަނީވެސް އެ ފަދަ މީހުންގެ ސަބަބުން ކަމަށްވެސް މެލޭޝިއާއިން ތުހުމަތު ކުރެއެވެ.