މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އިން ހާމަވީ، ބިދޭސީ މަސައްކަތްތެރިންނަށް ސަލާމަތާއި ރައްކާތެރިކަން، އަދި ހަމަހަމަކަމާ އެކު ހައްގުތައް ހޯދައިދިނުމަށް ސަރުކާރުން އިހުމާލުވެއްޖެ ކަމަށް، ބިދޭސީ މަސައްކަތްތެރިންގެ ޖަމިއްޔާ އާއި އިތުރު ހަތް ޖަމިއްޔާ އަކުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީން ވަނީ މަރުވެފައެވެ. އެ ހާދިސާ އާ ގުޅިގެން ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވެފައިވާ ކަމަށް ބުނެ، އާންމުންގެ ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

ބިދޭސީ މަސައްކަތްތެރިންގެ ޖަމިއްޔާގެ އިތުރުން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި، އާކް އާއި، އީކުއަލް ރައިޓްސް އިނީޝިއޭޓިވާއި، ފެމިލީ ލީގަލް ކްލިނިކާއި، ހޯޕް ފޯ ވިމެން އާއި، ޓްރޭޑް ޔޫނިއަނާއި، ޕީއައިއެލްސީ، އަދި އުތެމަ ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ:

  • ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެއްޖެ ކަމަށް
  • ނަތީޖާގެ ގޮތުން ރޭ ހިނގި ފަދަ ހާދިސާ އެއް ހިނގައި އެ މީހުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށް

އެ ޖަމިއްޔާތަކުން ބުނީ، ބިދޭސީ މަސައްކަތްތެރިން ޓްރެފިކްކޮށް، އެ މީހުންގެ ހައްގުތަށް ނިގުޅައިގަންނަކަމާއި، ދަތި ހާލައިގެން ކުދި ތަންތަނުގަައި ދިރިއުޅެމުންދާ ކަން އެތަކެއް ރިޕޯޓަކުންނާއި ހިނގާފައިވާ އެތަކެއް ހާދިސާއަކުން ހާމަވާއިރު، ބިދޭސީ މަސައްކަތްތެރިންނާ މެދު ތަކުރާރުކޮށް ބޭއިންސާފުން ކަންތައްތައް ކުރުމުގެ ސަބަބުން، އެ މީހުންނާއި، މުޅި މުޖުތަމައު ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމަށެވެ.

ބަޔާނުގައި ބުނީ، ރާއްޖޭގައި ހަދާފައިވާ ވަޒީފާ އާއި ހިއުމަން ޓްރެފިކިން ގާނޫނުތަކާއި ބޭރުގެ މުއާހަދާތަކާ އެއްގޮތަށް ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުން ނުދާ ކަމަށެވެ.

އެހެންކަމުން، އެ ޖަމިއްޔާތަކުން ވަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ. ހަމަ އެއާއެކު ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެ، އެ މީހުންނާ މެދު ތަކުރާރުކޮށް ފަރުވާކުޑަ ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އެންމެ ކުޑަ އުޖޫރަ އާއި އެ މީހުންގެ ސިއްހަތާއި ސަލާމަތާ ބެހޭ ގާނޫނުތައް އެކުލަވާލައި ތަންފީޒު ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

އަދި އަލިފާނުގެ ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފައެވެ.