ދާހިލީ ހަނގުރާމަ އާއި ހަމަނުޖެހުންތަކާހުރެ ގައުމު ދޫކޮށް ހިޖުރަކުރާ މީހުންގެ އަދަދުތައް ކޮންމެ އަހަރަކު ދަނީ މަތިވަމުންނެވެ. ހާއްސަކޮށް ފަގީރުކަން އިންތިހާއަށް ގޮސްފައި ވާ ސޯމާލިއާ ފަދަ ތަންތަނުން، ޔޫރަޕާއި އެނޫންވެސް އަމާން ބައެއް މަންޒިލްތަކަށް ދެވޭތޯ އެތައްބަޔަކު ދަތުރަށް ފަށައެވެ.

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ކުޑަވަރެއްގެ ބިއުޓީ ސެލޫނެއް ހިންގާ ފާތީ ހުސައިން އަކީވެސް އެފަދަ އެކަކެވެ.

އަމާން ދިރިއުޅުމެއް ހޯދައިދޭން ވައުދުވާ ސްމަގްލަލުންގެ ޝިކާރައަކަށް ފާތީވެސް ވީއެވެ.

ފްރާންސާ ހަމައަށް ގެންގޮސްދޭނެ ކަމަށް ސަމަގްލަރުން ބުނި ބުނުމަށް އެމީހުންނާއެކު ހެދި ޑީލެއްގެ ދަށުން ފާތީވެސް ހިޖުރަވެރިންގެ ކުޑަ ބޯޓަކަށް އެރިއެވެ. ކުޑަ 2 ބޯޓުގައި ދަތުރު ކުރަމުން ދިޔަ 70 ހިޖުރަވެރިންގެ ތެރޭގައި ފާތީވެސް އިނެވެ.

ދަތުރުގެ ވަކި ހިސާބަކުން ސްމަގްލަރުން އެމީހުން ދޫކޮށްލައި ފިލީއެވެ.

މާސިންގާ ކަނޑުގެ މެދަށް ދެ ބޯޓު ބެހި މަންޒިލް އަތުނުވެ ކަނޑުމަތީގައި އެތައް ދުވަހެއް ވަމުން ދިޔައެވެ. ކާއެތިކޮޅު ހުސްވެ ހާންތިވެ މަރުވާ މީހުން މަރުވަމުން ދިޔައެވެ.

70 މީހުންގެ ތެރެއިން 24 މީހަކު މަރުވި އެ ހާދިސާގައި ފާތީ ވެސް މަރުވިއެވެ. އެ ދަތުރުން ސަލާމަތްވި މީހުންނާ ހަވާލާދީ ފާތީގެ އާއިލާގެ ބައެއް މީހުން މީޑިއާތަކަށް ކިޔައިދީފައި ވާ ގޮތުން، ކަނޑުވެ ކާއެތިކޮޅު ހުސްވެ ބަނޑަށް ޖެހުމުން ބޯން ލިބުނީ ލޮނާއި ރޯ މަހެވެ. ފާތީ އެތަކެތި ކާން އިންކާރު ކުރިއެވެ. 14 ދުވަސް ވެގެން ދިޔަ އިރު، ހިކި އަނަރޫފަވެ 'ބަލިމާނެއް' ފަދައިން އޭނާ ވިއެވެ.

ދޯނީގައި ތިބި މީހުންގެ ލޯ ކުރިމަތީގައި ފާތީ އޮތީ މަރުވެފައެވެ. މަރުވި އެހެން މީހުންނަށް ވެސް ހެދި ގޮތަށް އެމީހުން ފާތީ ވެސް ކަނޑަށް އެއްލާލިއެވެ.

އެ ހާދިސާގައި ސަލާމަތް ވި މީހުން މަޑަގަސްކަރައިގެ އައްސޭރިފަށުގެ ރަށަކަށް ހުސްވި ހަފްތާގައި ގެންދިޔައެވެ. ކަނޑުމަތިން ބެހިގެން ދަނިކޮށް އެމީހުން ސަލާމަތް ކުރީ މަޑަގަސްކަރައިގެ މަސްވެރިންނެވެ. ހަބަރުތަކުން ބުނާގޮތުން ކޮންމެ އަހަރަކު މިފަދަ ދަތުރުތަކުގައި އެތައް 100 ބަޔަކު މަރުވެއެވެ. ނަސީބު ހުރި މީހަކު ސަލާމަތްވި ނަމަވެސް އެއީ ނުރައްކާ އަދި ބިރުވެރި ދަތުރެކެވެ.

ސޯމާލިޔާ އާއި އެފްރިކާގެ އެނޫންވެސް ސަރަހައްދުތަކުން ނިކުންނަ މީހުން މަންޒިލެއް އަތުޖެހޭތޯ ކުރާ އެދަތުރުގައި އެންމެ ގިނައިން ދަނީ މަޑަގަސްކަރައިގެ އުތުރު ހުޅަނގުގައި އޮންނަ ފްރާންސުގެ ކުޑަކުޑަ ރަށަކަށެވެ. އެހާހިސާބުން އެމީހުންނަށް ފޮރާންސްގެ ތެރެއަށް ވަދެވެއެވެ.