އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ އަވަށްޓެރި ސްރީލަންކާގެ އަންހެނުންނަށް ގައުމުން ބޭރުގައި މަސައްކަތް ކުރަން ދެވޭ އެންމެ ހަގު އުމުރަށް ބަދަލު ގެނެސްފިއެވެ.
ބަނގުރޫޓުވެފައިވާ އިގުތިސޯދު ނެގެހެއްޓުމަށް އެކި ގޮތް ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނަ ސްރީލަންކާއިން މިހާރު ވަނީ، ގައުމުން ބޭރުގައި މަސައްކަތް ކުރަން އަންހެނުންނަށް ދެވޭ އެންމެ ހަގު އުމުރު 21 އަށް ބަދަލު ކޮށްފައެވެ.
ގައުމުން ބޭރުގައި މަސައްކަތް ކުރަން އަންހެނުންނަށް ދެވޭނެ އެންމެ ހަގު އުމުރެއް ސްރީލަންކާގައި ކަނޑައަޅާފައި އޮންނަނީ ސައުދީ އަރަބިއްޔާގެ ގެއެއްގައި މަސައްކަތް ކުރަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖެއްގެ ކަރު ބުރިކޮށްލައިގެން މަރާލި ހަދިސާއަށް ފަހުގައެވެ.
އެ ހާދިސާއަށް ފަހު، ސައުދީގައި މަސައްކަތް ކުރުމަށް ސްރީލަންކާގެ އަންހެނުންނަށް ދެވޭ އެންމެ ހަގު އުމުރަކީ 25 ކަމުގައި ހަމަޖައްސާފައި އޮތް އިރު، އެހެން ގައުމުތަކަށް ދެވޭ އުމުރަކަށް ކުރިން އޮތީ 23 އެވެ.
22 މިލިއަނެއްހާ މީހުންގެ އާބާދީ އޮތް ސްރީލަންކާގެ 1.6 މިލިއަނެއްހާ މީހުން މިހާރުވެސް މަސައްކަތް ކުރަމުން ދަނީ ގައުމުން ބޭރުގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަޒީފާ އަދާ ކުރަނީ މެދުއިރުމަތީގެ ގައުމުތަކުގައެވެ.
ގައުމުން ބޭރުގައި ވަޒީފާ އަދާ ކުރަން ބޭނުންވާ އަންހެނުންނަށް އެ ފުރުސަތު ލިބޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅީ، ބޭރުގެ ގައުމުތަކުން ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ނަތީޖާއެއްގެ ގޮތުން، ސްރީލަންކާއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރު ވާނެ ކަމަށް ބެލެވެއެވެ. ސްރީލަންކާ މިއަދު ވެއްޓިފައިވާ އަނދަވަޅުގެ ތުންފަތް މައްޗަށް އެ ގައުމު ގެންދިޔަ އެންމެ ބޮޑު އެއް ސަބަބަކީވެސް ބޭރު ފައިސާގެ ރިޒާވް ހީނަރުވުމެވެ.
ސްރީލަންކާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން، ދިވެހިރާއްޖޭގައިވެސް ވަޒީފާ އަދާ ކުރަމުންދެއެވެ. އެކި ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން ގޭބިސީތަކުގައިވެސް ލަންކާ ރައްޔިތުން މަސައްކަތު އުޅެއެވެ.