ޗައިނާއިން ސިފަކުރާ ގޮތުގައި އެއީ އޭޝިއާގެ އެންމެ މުއްސަނދި ވައިރަސް ލެބެވެ. އެމެރިކާއިން ބުނާ ގޮތުގައި އެއީ މިއަދު މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް ލޫކުވި ލެބެވެ. މިކަން ގުޅެނީ ޗައިނާގެ ވޫހާން ސިޓީގެ ވައިރޮލޮޖީ ލެބާ ކަމަށްވާއިރު، މި ލެބުގެ ވާހަކަ އަނެއްކާވެސް މިވަނީ ޚަބަރުތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ. މިފަހަރު އިންޑިއާއިންނެވެ. އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި، ޗައިނާއިން ވަނީ، ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ސިއްރު އެއްބަސްވުމެއް، އިންޑިއާގެ ޒަމާންވީ ސަރަހައްދީ އުދުއްވު، ޕާކިސްތާނާ އެކުގައި އެކުލަވާލާފައެވެ.

އިންޑިއާއިން ތުހުމަތު ކުރާ ގޮތުގައި ބައޮލޮޖިކަލް ހަތިޔާރު ނުވަތަ ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ހަނގުރާމައިގެ ނިޔަތާ މަގުސަދުގައި ބޭނުން ކުރާ ހަތިޔާރު އުފެއްދުމުގެ އެއްބަސްވުމުގައި ޕާކިސްތާނާ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އޮސްޓްރޭލިއާގެ ނޫސްވެރިޔާ އެންތަނީ ކްލޭންއާއި ހަވާލާދީ ކަމަށް ބުނެ، އިންޑިއާއިން މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ޕާކިސްތާނުގެ ފަރާތުން ސޮއިކޮށްފައިވަނީ އެގައުމުގެ ދިފާއާ، ސައެންސް އަދި ޓެކްނޮލޮޖީއާއި ބެހޭ އޯގަނައިޒޭޝަނުންނެވެ.

މި އެއްބަސްވުމުގެ މަލަމަތީގައި އޮތީ، ހަލުވިކަމާއެކު އުފެދި، ފެތުރެމުން އަންނަ ގައިންގައިން އަރާ ބަލިތަކާ ބެހޭ ދިރާސާތައް ކުރުމެވެ. ނަމަވެސް، މިކަމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާއެއް އޮތް ކަމަށް ތުހުމަތު ކުރެވެއެވެ. މުޅި މަޝްރޫއަށް ފަންޑު ކުރަނީ ޗައިނާއިން ކަމަށްވެއެވެ. މިއީ އަދި ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ޕާކިސްތާނުގެ ގިނަ މަޝްރޫއުތަކަކީ ޗައިނާގެ ފަންޑުން ހިންގާ މަޝްރޫއުތަކެކެވެ. މި އެއްބަސްވުމަކީ، ޗައިނާގެ ސަރަހައްދީ އިމުން ބޭރުގައި، ޕާކިސްތާނުގެ ފަސްގަނޑުގައި، ޗައިނާގެ ސަރަހައްދީ އަދުއްވި، އިންޑިއާގެ އަވަށްޓެރި ފަސްގަނޑުގައި ބައޮލޮޖިކަލް ހަތިޔާރު ޓެސްޓު ކުރުމަށް ޗައިނާއަށް ބާރު ލިބިދޭ އެއްބަސްވުމެކެވެ.

އިންޑިއާ މީޑިއާއިން ތުހުމަތު ކުރާ ގޮތުގައި މި އެއްބަސްވުމުގެ ފަރުދާގެ ފުރަގަހުގައި، ޗައިނާގެ ސިއްރު ފެސިލިޓީއެއް ޕާކިސްތާނުގައި ހުރެއެވެ. މިފަދަ ނުރައްކާތެރި އެތައް މާއްދާއެއް ތަހުލީލު ކުރުމާ ގުޅިފައިވާ ފެސިލިޓީއެއް ކަމަށް ތުހުމަތު ކުރެވެއެވެ. ބައޮވެޕަން ނުވަތަ ބައޮލޮޖިކަލް ހަތިޔާރުގެ ގޮތުގައި ބޭނުންކުރި އެންތްރެކްސް ފަދަ މާއްދާތައް ތަހުލީލު ކުރާ ފެސިލިޓީއެކެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ކްލޭން ވަނީ، މިކަމަކީ އިންޑިއާގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެހެނީ، މި އެއްބަސްވުމުގައި ޕާކިސްތާނުގެ މަދަނީ ކޮމިއުނިޓީ މުޅިންހެން އިސްތިސްނާ ކޮށްފައި އޮތުން ކަމަށް ބުނެވެއެވެ.

ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަކީ ރައްކާތެރި ކަމުގެ ގޮތުން ބަލާއިރު ލެވެލް 4 ގެ ސިއްކަ އޮތް ލެބެއް ނަމަވެސް، އެތަނުގެ ސަލާމަތްތެރިކަމާ ރައްކާތެރު ކަމާ މެދު ގިނަ ގައުމުތަކަކުން ސުވާލު އުފައްދައެވެ. ކަންމިހެން އޮތްއިރު، ޕާކިސްތާނުގައި މިފަދަ ނުރައްކާތެރި މާއްދާތައް ތަހުލީލު ކުރަމުންދަނީ އެކަށީގެންވާ ލެވެލްއެއްގެ ސަލާމަތްތްތެރިކަންވެސް ނެތް ތަންތަނުގައި ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ. މިއިން އެންމެ ކަމެއް ދޫވި ނަމަވެސް، އެއީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް އިންޑިއާއިން ބުނެއެވެ.