އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓާ ދިމާކޮށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކއް ހިމަނައިގެން އެކުލަވާލާފައިވާ ގައިޑްލައިނަށް ގާނޫނީ ހައިސިއްޔަތު ދީ، ގެޒެޓް ކުރުން ލަސްވަމުންދާތީ، ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ އިސްވެރިޔާ މަހިންދަ ދޭޝަޕްރިޔާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ ޗެއާމަން ދޭޝަޕްރިޔާ ވަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ނުދީ، ބައެއް ކެންޑިޑޭޓުންނާ ސަޕޯޓަރުން އަމަލު ކުރަމުންދާ ދިއުމުގެ ސަބަބުން، އާންމު މުޖުތަމައުގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން، ނުރައްކަލަށް ހުށަހެޅިފައިވާކަމުގެ އިންޒާރު ދެއްވާފައެވެ.

ދޭޝަޕްރިޔާ ވިދާޅުވީ، އިންތިހާބުގައި ގެންގުޅެން ޖެހޭ ސިއްހީ ގައިޑްލައިންތައް އެކުލަވާލާ، އިއުލާން ކުރީ ޖޫން 2 ވަނަ ދުވަހު ކަމަށާ، ނަމަވެސް އަދިވެސް ގެޒެޓްކޮށް، ގާނޫނީ ހައިސިއްޔަތު ދީފައި ނުވާ ކަމަށެވެ.

މި ގައިޑްލައިންއަކީ ސިއްހަތާ ބެހޭ އިދާރާތަކުން، އެޓާނީ ޖެނެރަލްގެ އިދާރާއަށް ފޮނުވާފައިވާ ގައިޑްލައިންއަކަށް ވާއިރު، މި ގައިޑްލައިނަށް ގާނޫނީ ހައިސިއްޔަތު ލިބޭނީ، އެ އިދާރާއިން އާނބަސް ބުނެ، ގެޒެޓް ކުރުމުންނެވެ.

ދޭޝަޕްރިޔާ ވިދާޅުވީ މިހާރު ފެންނަނީ ކެންޑިޑޭޓުންނާ ސަޕޯޓަރުންވެސް ކޮނޑާ ކޮނޑު ޖެހޭ ހިސާބުގައި ކެމްޕޭން ކުރަމުންދާ މަންޒަރު ކަމަށާ، ޖިސްމާނީ ގައިދުރު ކަމެއް ނެތްއިރު، މާސްކުވެސް ބޭނުން ކުރަމުން ނުދާ ކަމަށެވެ. ހެލްތް ގައިޑްލައިން ބުނާ ގޮތުންނަމަ މިއީ ތަންފީޒު ކުރަންޖެހޭ ފިޔަވަޅުތަކެކެވެ. އަދި ކެމްޕޭން ބައްދަލުވުންތަކުގައި ބައިވެރިވޭނެ މީހުންގެ އަދަދުވެސް މި ގައިޑްލައިންގައި ތަފްސީލު ކޮށްދީފައިވެއެވެ.

މީގެ ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު، މިފަހަރުގެ އިންތިހާބުގެ ކެމްޕޭން ފޯރި ކުޑައެވެ.

ކުރިއަށް އޮތް އާންމު އިންތިހާބުގެ ސިޔާސީ މަސްރަހަށް ބަލާއިރު، ރައީސް ގޮތަބާޔާ ރާޖަޕަކްސަ ގެންދަވަނީ އޭނާގެ ޕާޓީއަށް މަޖިލީހުގެ 3 ބައިކުޅަ 2 ބައި ލިބޭނެ ކަމަށް އުއްމީދު ކުރައްވަމުންނެވެ. މިއާއެކު ގާނޫނަށް ބަދަލުތަކެއް ގެނެސް، ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ބާރާ އިމްޔާޒުތައް ވަރުގަދަ ކުރުމަށް ގޮތަބާޔާއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް މުރާސިލުން ބުރަވެއެވެ.

އާންމު އިންތިހާބު 3 މަސްދުވަހަށް ލަސްވެފައިވާއިރު ގާނޫނީ ގޮތުން މަޖިލީހަކާ ނުލާ ގައުމު ހިންގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށުމާއެކު ހަރުކަށި ފިޔަވަޅުތަކަށް ލަންކާއިން ލުއި ދީފައިވަނިކޮށް، ހުސްވި ހަފުތާގެ ފަހު ކޮޅުން ފެށިގެން އެގައުމުން އަނެއްކާވެސް ވަނީ ގިނަ އަދަދެއްގެ ކޭސްތަކެއް ރިޕޯޓްކޮށްފައެވެ.