ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ އަވަށެއްގެ މަގެއްގެ މަތީގައި މަރުވެފައި އޮންނަ ދޮށީ އުމުރުގެ މީހެއްގެ ހަށިގަނޑު މަތީގައި އޭނާގެ، 3 އަހަރަށްދާ ކާފަ ދަރިފުޅު އިންނަ މަންޒަރު ފެންނަ ފޮޓޯއާ އެކު ކަޝްމީރުގެ ރަށްވެހިންގެ ރުޅިވެރިކަން އޭގެ އެންމެ އިންތިހާއަށް ގަދަވެއްޖެއެވެ.

އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އުމުރުން 65 އަހަރުގެ ފިރިހެން މީހާ މަރާލާފައި ވަނީ އިންޑިއާގެ ސަލާމަތީ ބާރުންނެވެ. އެ މީހާ މަރާލާފައި ވަނީ ބަޑީގެ ހަމަލާ ބަދަލު ކުރުންތަކެއްގައި ކަމަށްވެސް ތުހުމަތު ކުރެއެވެ.

ބަޝީރު އަހުމަދު ހާންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ ބޭބެއަކީ ހަނގުރާމަވެރިއެއް ނޫން ކަމަށާ، އޭނާއަކީ ބަޑިއެއްވެސް ހިފައިގެން އުޅޭ މީހެއް ނޫން ކަމަށާ، އޭނާ މަރާލަން ޖެހޭ ސަބަބަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ކަޝްމީރުގައި މަރާލި ބަޝީރު އަހުމަދު ހާންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ދާރު ޔާސީން

ފުލުހުން ދަނީ އާއިލާގެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. ފުލުހުން ބުނާ ގޮތުގައި ބަޝީރު މަރުވެފައި ވަނީ، ސަލާމަތީ ބާރުތަކާ ހަނގުރާމަވެރިންތަކަކާ ދެމެދު ބަދަލު ކުރަމުން ދިޔަ ބަޑީގެ ހަމަލާތަކެއްގެ ތެރެއަށް، އުޅަނދެއްގައި ވަނުމުގެ ސަބަބުންނެވެ.

ކަޝްމީރު ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ވިޖޭ ކުމާރު ވިދާޅުވީ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް މިސްކިތެއްގައި ތިބެގެން ހަނގުރާމަވެރިން ބަޑީގެ ހަމަލާ އަމާޒުކުރި ކަމަށާ، ބުދަ ދުވަހުގެ ހަމަލާ ބަދަލުކުރުންތައް ފެށިގެން ދިޔައީ އެހާ ހިސާބުން ކަމަށެވެ. މި ހަމަލާގައި ސަލާމަތީ ބާރުތަކުގެ އޮފިޝަލެއްގެ ފުރާނަވެސް ގެއްލިފައިވާކަމަށް ކުމާރު ވަނީ ވިދާޅުވެފައެވެ.

ކުމާރު ވިދާޅުވީ އާއިލާއަށް ޕްރެޝަރު ކުރަމުން ދަނީ ހަނގުރާމަވެރިން ކަމަށެވެ. ނަމަވެސް އާއިލާއިން ދަނީ ފުލުހުންގެ ވާހަކަތަކަށް ދެކޮޅު ހަދަމުންނެވެ.

ބަޝީރުގެ ދަރިފުޅު ސުހައިލް އަހުމަދު ބުނީ ބައްޕަ އެކްސިޑެންޓެއްވި ޚަބަރު އާއިލާއަށް ލިބުނު ކަމަށާ، އެ ހިސާބަށް ދެވުނު އިރު ހަމަލާ ބަދަލު ކުރުންތަކުގެ ޝިކާރައަކަށް ބައްޕަ ވި ކަމަށް ބުނި ކަމަށެވެ. ނަމަވެސް ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއަށް ބައްޕައަށް ވަދެވުނު ނަމަ ބައްޕަގެ ހަށިގަނޑު އޮންނަން ޖެހޭނީ ބައްޕަ ދަތުރު ކުރަމުން ދިޔަ ކާރު ތެރޭގައި ކަމަށާ، އެއާ ހިލާފަށް ބައްޕަގެ ހަށިގަނޑު އޮތީ މަގުމަތީގައި ކަމަށްވެސް ސުހައިލް ވަނީ މީޑިއާއަށް ކިޔައިދީފައެވެ.

ކަޝްމީރުގައި މަރާލި ބަޝީރު އަހުމަދު ހާންގެ ކާފަ ދަރިފުޅު ހުއްޓުވާ ނުލެވިގެން އަސްކަރިއްޔާގެ މެމްބަރަކު ހަރަކާތްތެރިވަނީ/ފޮޓޯ: އެޗްޑަބްލިއު ނެޓްވާކް

ބަޝީރަށް ބޮޑުބޭބެ ކިއާ އައިޖާޒް އަހުމަދު ގުދުސީ ބުނީ އޭނާގެ ބޮޑު ބޭބެ ދުއްވި ކާރުގައި ކޫރުމެއްވެސް ނެތް ކަމަށެވެ. އަދި ބޮޑު ބޭބެ ދުއްވަމުން ދިޔަ ކާރު ތެރެއިން އޭނާ ގަދަކަމުން ނެރެ، އަސްކަރީ ބާރުތަކުން އޭނާގެ ގަޔަށް ބަޑިޖަހާ މަރާލުމަށް ފަހު ކާފަ ދަރިފުޅު އޭނާގެ ހަށިގަނޑު މަތީގައި ބޭންދީ ކަމަށްވެސް އައިޖާޒު ތުހުމަތު ކުރެއެވެ. ކާފަގެ ގައިމަތީގައި އިން އުމުރުން އެންމެ 3 އަހަރުގެ ކުއްޖާ ލައިގެން ހުރި ހެދުންވެސް ކާފަގެ ލެއިން ތެމި ފޯވެފައި ވާކަމަށް އާއިލާއިން ބުނެއެވެ.

ބަޝީރުގެ އާއިލާއިން ސިފަކުރި ގޮތުގައި އޭނާ އަކީ ކުޑަ އާމްދަނީއެއް ލިބޭ މީހެކެވެ. މަހެއްގެ މައްޗަށް ޖެހޭނީ ގާތްގަނޑަކަށް 80 ވަރަކަށް ޑޮލަރު ކަމަށް ވެއެވެ.

ބަޝީރު މަރާލާފައި އޮތްއިރު އޭނާގެ ހަށިގަނޑު މަތީގައި ކާފަ ދަރިފުޅު އިން މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލް ވަމުން ދާއިރު، ކަޝްމީރުގައި އެތައް ސަތޭކަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

ކަޝްމީރުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފައިލް ފޮޓޯ: ޑީއެންއޭ އިންޑިއާ

ބަޝީރުގެ ޖަނާޒާގައި ބައިވެރިވި އެތައް ސަތޭކަ ބަޔަކު ވަނީ އިންޑިއާގެ މުށު ތެރެއިން މިނިވަންވާން ބޭނުންވާކަން ހާމަކޮށްފައެވެ.

މިފަހަކަށް އައިސް އިންޑިއާ ސަރުކާރުން ކަޝްމީރުގައި ހިންގާ އޮޕަރޭޝަންތައް ވަނީ ވަރުގަދަ ކޮށްފައެވެ. މިއަހަރު ފެށުފަހުން ކަޝްމީރު ސަރަހައްދުގައި އިންޑިއާގެ ހިންދޫ ސަރުކާރުން ވަނީ 100 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި 229 އެއްހާ މީހުން މަރާލާފައި ވާއިރު، މީގެ ތެރޭގައި އާންމު ރައްޔިތުންވެސް ހިމެނެއެވެ. އިންޑިއާގެ ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކިއްޔާތަށް ވަކާލާތު ކުރަމުންދާ ކަޝްމީރު ސަރަހައްދުގައި، އިންޑިއާ އަސްކަރިއްޔާގެ 500000 އެއްހާ ސިފައިން ހަރަކާތްތެރި ވެއެވެ.