އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، އެ ޕާޓީއާ ދެކޮޅަށް، ދެކުނު އޭޝިއާ ސަރަހައްދުގައި ބޮޑު މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ބީޖޭޕީގެ މެންބަރުންތަކެއް ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި ކުރުމާ ދެކޮޅަށް، ބަންގްލަދޭޝްއާއި ޕާކިސްތާނުގެ އިތުރުން އިންޑިއާގެ އެކި ސިޓީތަކުގައި މިއަދު ވަނީ ބޮޑު މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. ވެރިރަށް، ނިއުދިއްލީގައިވެސް މުޒާހަރާ ކުރި ކަމަށް ހަބަރު ލިބެއެވެ.

މިއަދުގެ ހުކުރު ނަމާދަށް ފަހު ކުރިއަށް ދިޔަ މުޒާހަރާތަކުގެ ބައިވެރިން ވަނީ އިންޑިއާ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކޮށް، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބީޖޭޕީއަށް ނިސްބަތްވާ މެންބަރުން ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާއާއި ދިއްލީ މީޑިއާ ޔުނިޓްގެ ވެރިޔާ ނަވީން ކުމާރު ޖިންދަލް، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ رضي الله أنها އަށް ފުރައްސާރަކުރުމާ ގުޅިގެން، މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ގިނަ ގައުމުތަކަކުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ.

ޝަރުމާ ސަސްޕެންޑްކޮށް ޖިންދަލް ވަކި ކޮށްފައި ވާ އިރު، ބީޖޭޕީގެ އެޅި ފިޔަވަޅަކީ ފުދޭ މިންވަރުގެ ނުވަތަ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިންޑިއާގައި މުސްލިމުންގެ މެޖޯރިޓީ އޮންނަ ހަމައެކަނި ސްޓޭޓް ކަމަށް ވާ ކަޝްމީރުގައި ބޮޑު މުޒާހަރާ ކުރިއަށް ގެންގޮސްފާނެ ކަމަށް، އިންޑިއާގެ ސަރުކާރުން ވަނީ ދުރާލާ، ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ސަރަހައްދުން މޯބައިލް އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާ، ސަލާމަތީ ފައުޖުތަކުގެ އިތުރު މެންބަރުންގެ ސަފުތައް އެ ރުކުރުވާލި ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގައި ކުރިއަށްދިޔަ ބައެއް މުޒާހަރާތައް ހޫނުވެ، ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގި ކަމަށްވެސް ހަބަރު ލިބެއެވެ.

އިންޑިއާއާއި ދެކޮޅަށް ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ މުޒަހަރާގެ ތެރެއިން / ފޮޓޯ: އަލްޖަޒީރާ

ބަންގްލަދޭޝްއަށް ބަލާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވެރިރަށް ޑާކާގެ މައި މިސްކިތް ކަމުގައި ވާ ބައިތުލް މުކައްރަމަގެ ބޭރަށް ޖަމާވެފައެވެ. ހުކުރު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ޑިމާންޑް ކޮށްފައެވެ. މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ތަންފީޒު ކުރަމުންދާ ސިޔާސަތުތައް އުވާލަންދެން، އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ވަނީ ގޮވާލާފައެވެ.

އަދި ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރި މީހުން ދަންޖައްސަންވެސް ވަނީ ގޮވާފައެވެ.

ބީޖޭޕީ މެންބަރުންގެ އަމަލުތަކާ ގުޅިގެން ޑިޕްލޮމެޓިކް ފެންވަރުގައި އިންޑިއާއަށް ޕްރެޝަރު ބޮޑުވަމުން ދިޔަ ނަމަވެސް، ދުނިޔޭގެ އާބާދީގެ ނިސްބަތުން 4 ވަނައަށް އެންމެ މުސްލިމުން ގިނަ ބަންގްލަދޭޝްގެ ސަރުކާރުން، ބީޖޭޕީ މެންބަރުންގެ އަމަލުތައް ކުށްވެރި ކޮށްފައެއް ނުވެއެވެ.

ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރުން، ބީޖޭޕީ މެންބަރުންގެ އަމަލުތައް ކުށްވެރިކޮށްފައި ނުވާތީ، ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކާއި އާންމުން ވަނީ ފާޑުކިއާފައެވެ.

ޑާކާ ޔުނިވާސިޓީގެ ލޯ ޕްރޮފެސަރެއް ކަމަށް ވާ އާސިފް ނަޒުރުލް ވިދާޅުވީ ޝައިހް ހަސީނާގެ ސަރުކާރުން ބާރު ދަމަހައްޓަނީ ރައްޔިތުންގެ މެންޑޭޓެއް ނެތި ކަމަށާ، ސަރުކާރުގެ ފަހަތުގައި އިންޑިއާގެ ދައުރު ބޮޑު ކަމަށް ބަންގްލަދޭޝްގެ ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން މޯދީގެ ސަރުކާރުގެ ނަފްރަތު ލިބޭނެ ކަމެއް، ޝައިހް ހަސީނާގެ ސަރުކާރުން ނުކުރާނެ ކަމަށް ޕްރޮފެސަރު ވަނީ ވިދާޅުވެފައެވެ.