ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް އިންޑިއާއާއެކު އާންމު އުސޫލުން ގުޅުން ބަދަހި ކުރުމަކީ، ކަޝްމީރުގެ ރައްޔިތުންނަށް ބޭވަފާތެރިވުން ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވި ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ، އިންޑިއާއާއެކު ޕާކިސްތާނުން އާންމު އުސޫލުން ގުޅުން ބަދަހި ކުރާނެ ފުރުސަތެއް ނެތްކަން ސާފުކޮށްދެއްވާފައެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، އިންޑިއާއާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަކީ، ކަޝްމީރުގެ ރައްޔިތުން އުފުލަމުން ތަކުލީފުތަކަށް ފުރަގަސް ދިނުން ކަމަށާ، އެފަދަ ގުޅުމެއް ބަދަހި ކުރުމަކީ ކަޝްމީރުން "ޝަހީދު"ވެދިޔަ ލައްކައަކަށްވުރެ ގިނަ ބަތޮލުންގެ ގުރުބާނީއަށްވެސް ފުރަސްގަސް ދިނުން ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފަށައިގެންވެސް އިންޑިއާއާއެކު ގުޅުން ބަދަހިކޮށް، މަޝްވަރާގެ ތެރެއިން ކަޝްމީރުގެ މައްސަލައަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރައްވާފައި ވާނެ ކަމަށާ، ނަމަވެސް، ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު އިންޑިއާއާއެކު މިފަދަ ގުޅުމެއް ބޭއްވުމަކީ، ކަޝްމީރުގެ ރަށްވެހިންނަށް ބޭވަފާތެރިވުން ކަމަށްވެސް އިމްރާން ވަނީ ސިފަކުރައްވާފައެވެ.
ޔަގީނުންވެސް ވިޔަފާރި ރަނގަޅުވާނެ ކަމަށާ، ނަމަވެސް، ކަޝްމީރުގެ އެތައް ރައްޔިތުންގެ ލޭ "ބޭކާރު" ވެގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ވަކި ބަޔަކު އޮހުރުވާލި ލެޔަކީ، ވިޔަފާރީގެ ކުރިއެރުންތަކުގެ އަގަކަށް ވެގެން ނުވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ކޮޅެއްގައި ނުޖެހި އޮތް އިންޑިއާ ޕާކިސްތާން ސުލްހައިގެ މަޝްވަރާތައް އަލުން ފެށެން އޮތީ، އިންޑިއާގެ ސަރުކާރުން ކަޝްމީރުގެ އިދާރީ ހިންގުމަށް ފަހުން ގެނައި ބަދަލުތައް، އިހު އޮތް ގޮތަށް އިޔާދަކޮށްގެން ކަމަށެވެ.
ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސް އެޅޭ ގޮތަށް، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން، އޯގަސްޓް 2019ގައި ތަންފީޒު ކުރަން ފެށި ގާނޫނީ ބަދަލާއެކު، ޕާކިސްތާނުން ވަނީ އިންޑިއާއާއެކު ދަމަހައްޓަމުން ދިޔަ ހީނަރު ގުޅުން އިތުރަށް ބަލިކަށިކޮށްފައެވެ. އަދި އިންޑިއާއާއެކު ވިޔަފާރި ކުރުންވެސް ހުއްޓާލާފައެވެ.