އިންޑިއާއިން ކޮންޓްރޯލް ކުރަމުން އަންނަ ކަޝްމީރު ފަޅީގައި، ވަކިވެގަތުމަށް މަސައްކަތް ކުރަމުން ގެންދިޔަ އިސް ލީޑަރު، ސައްޔިދު އަލީ ޝާހް ޖީލާނީ މަރުވެއްޖެއެވެ.

އުމުރުން 92 އަހަރުގެ ޖީލާނީ މަރުވީ، ސްރީނަގަރުގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ކަމަށް ހަބަރު ލިބެއެވެ. ޖީލާނީ މަރުވީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖީލާނީ ވަޅުލުމުގެ ކަންކަންވެސް މިއަދު ފަތިހު ވަނީ ނިންމާލާފައެވެ. އިންޑިއާގެ މައި ސަރުކާރުން ލޮކްޑައުން އިއުލާން ކޮށްފައި އޮތް ސަރަހައްދުގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ކުޑަ ގޮތަކަށެވެ. އާއިލާގެ ފަރާތުންވެސް ޖަނާޒާގައި ބައިވެރިވީ މަދު އަދަދެއްގެ ބައެކެވެ.

ޖީލާނީއަކީ އޯލް ޕާޓީޒް ހުއްރިއްޔާތު ކޮންފަރެންސް (އޭޕީސީއެޗް)ގެ އިސްވެރިޔާއެވެ. މި ޖަމިއްޔާއަކީ، ވަކިވެގަތުމަށް މަސައްކަތް ކުރާ ފިކުރުގެ އިއްތިހާދެކެވެ. މި އިއްތިހާދަކީ، އިންޑިއާގެ ވެރިކަމާ ދެކޮޅުވެ، ކަޝްމީރު، ޕާކިސްތާނާ ގުޅާލުމުގެ ފިކުރަށް ބާރުދޭ އިއްތިހާދެކެވެ.

ކަޝްމީރުގެ މުސްތަގުބަލާ ބެހޭ ގޮތުން އިންޑިއާއާއެކު އެއްވެސް ވަރެއްގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ޖީލާނީ ވަނީ ދެކޮޅު ހަދާފައެވެ. އޯގަސްޓް 5، 2019 ގައި އިންޑިއާ ސަރުކާރުން އެ ގައުމުގެ ގާނޫނު އަސާސީއަށް އިސްލާހުގެ ނަމުގައި ބަދަލު ގެނެސް، ކަޝްމީރުގެ ބާރުތަކާއި މިނިވަން ހަނިކުރުމާއެކުހެން ޖީލާނީ މުޅިންވެސް ހުރީ ގޭގައެވެ.

އިންޑިއާއާ ދެކޮޅަށް އޭނާ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވީ 12 ވަރަކަށް އަހަރު، ޖީލާނީ ހޭދަ ކުރީ ގޭ ބަންދުގައި ކަމަށްވެސް އޭނާގެ އާއިލާއިން ބުނެއެވެ. ޖީލާނީ ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، ސިޔާސީ ހަޔާތް ނިންމާލާފައެވެ.

ޕާކިސްތާނުން ވަނީ އެ ގައުމުން އާންމު ފަރުދަކަށް ދޭ އެންމެ މަތީ އެވޯޑް، މިދިޔަ އަހަރު ޖީލާނީއާ ހަވާލުކޮށްފައެވެ. "ނިޝާނީ ޕާކިސްތާން" އެވޯޑް ހާސިލުކޮށްފައި ވާ އިތުރު ފަރާތްތަކުގެ ތެރޭގައި ނެލްސަން މަންޑޭލާ ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޖީލާނީ މަރުވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ، ކަޝްމީރުގެ ނޫސްވެރިޔާ މިރްޒާ ވަހީދު އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ހިމެނިވަޑައިގަންނަވައެވެ.