ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅިއަށް މިނިވަންކަން ލިބިދޭ ގޮތަށް އޮތް އޮތުން، އިސްލާހެއްގެ ނަމުގައި އުވާލާ، އެ ސަރަހައްދުގެ އިސްތިގުލާލީ ކަރާމާތަށް އުނިކަން ލިބޭ ގޮތުން އިންޑިއާގެ ސަރުކާރުން އެ ގައުމުގެ ގާނޫނު އަސާސީ ބަދަލު ކުރި ފަހުން ފުރަތަމަ ފަހަރަށް، އިންޑިއާގެ ހިންދޫ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ، ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާފައިވާ މި ދަނޑީވަޅަކީ އިންޑިއާގެ މައި ސަރުކާރުން ޖައްމުއާއި ކަޝްމީރު ކޮންޓްރޯލް ކުރަމުންދާ ދިއުމަށް، އިންތިހާބެއްގެ ތެރެއިން ނިމުން ގެނެވިދާނެ ކަމަށް، ވަރުގަދަ ބަހުސްތަކެއް ކުރަމުން އަންނަ ދަނޑިވަޅެކެވެ.

ކުރިން، ވަކި ސްޓޭޓެއްގެ ގޮތުގައި އޮތް ޖައްމުއާއި ކަޝްމީރަށް ލިބިދީފައި އޮތް މިނިވަންކަމުގެ އިހުތިސޯސް ހަނިކޮށް، އިންޑިއާގެ މައި ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދަށް އެ ސަރަހައްދު ބަދަލު ކުރި ފަހުން، އިންޑިއާގެ މައި ސަރުކާރާއި ޖައްމުއާއި ކަޝްމީރާ ދެމެދު ވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ.

ކަޝްމީރުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން / ފައިލް ފޮޓޯ: ޑީއެންއޭ އިންޑިއާ

ކަޝްމީރުގެ ލީޑަރުން ގެންދަވަނީ، އެ ސަރަހައްދަށް ސްޓޭޓެއްގެ ދަރަޖަ އަލުން ދީ، އިންތިހާބު ބޭއްވުމަށް، މޯދީގެ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަށް ގޮވާލައްވަމުންނެވެ.

މޯދީއާއެކު ބުރާސްފަތި ދުވަހު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ކުރީގެ ޗީފް މިނިސްޓަރުން ކަމަށް ވާ ފާރޫގު ޢަބްދުﷲ އަދި މެހްބޫބާ މުފްތީވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ގާނޫނުގެ ތެރެއިން ކަޝްމީރުގެ މިނިވަންކަމަށް ހުރަސް އެޅި ފަހުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން، އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ލީޑަރުންތަކެއްވެސްމެއެވެ.

ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި މޯދީ ވަނީ، އެ ބައްދަލުވުމަކީ، ޖައްމުއާއި ކަޝްމީރުގެ ތަރައްގީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގެ ރޭހުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.