އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ބިހާރުގައި އޮތް ކައިވެނި ހަފުލާއެއްގައި ބައިވެރިވި މީހުންގެ ތެރެއިން 113 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
މި ކައިވެނި އެ ދެމަފިރިއަކަށް ހާއްސަވި ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވަނީ ޖެހިގެން އައި ދުވަހު، މި ދުނިޔެއާ ވަކިވެފައި ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނޫނެވެ. އޭނާ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެއް ނުވެއެވެ.
ކައިވެނި ހަފުލާގައި ބައިވެރިވުމަށް، ކައިވެނި ކުރި ފިރިހެން މީހާ ވަނީ 680 މޭލުގެ ދިގު ދަތުރެއްވެސް ކޮށްފައެވެ. ޖޫން މަހުގެ 15 ވަނަ ދުވަހު ކުރިއަށް ދިޔަ ކައިވެނި ހަފުލާގައި 350 އެއްހާ މީހުން ބައިވެރިވިއެވެ.
މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރިއަށް ގެންދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެފައި ވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން، އެއް އިވެންޓެއްގައި ބައިވެރިވުމަށް ހުއްދަ ދީފައި އޮންނަނީ އެންމެ 50 މީހުންނަށް ކަމަށް ވާއިރު، މިހާ ގިނަ އަދަދެއްގެ މީހުން މި ހަފުލާއަށް ދިޔަ ސަބަބެއްވެސް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.
ބިހާރުގެ ހާލަތަށް ބަލާއިރު އެ ސްޓޭޓުން 9500 އެއްހާ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު 60 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.