ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވިލާތު ބައްރުން އެންމެ ނުރައްކާ ވެގެންދިޔަ އެއް ގައުމު ކަމަށްވާ އިޓަލީވިލާތުގެ އަވަށަކުން މި ބަލިޖެހުނު މީހުންގެ ތެރެއިން 40 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދަ ނޭޗާ ޖާނަލްގައި އާންމު ކޮށްފައިވާ ދިރާސާ އެކުލަވާލި ޓީމުން ބުނާ ގޮތުގައި ކޮވިޑް-19ގެ އަލާމާތްތައް ހަށިގަނޑުގެ ބޭރު ފުށަށް ފެންނަ މީހުންނާ، ބޭރުފުށަށް އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ހަށިގަނޑުގައި ވައިރަހުގެ އަސަރު ހުންނަނީ އެއް މިންވަރަކަށެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އިޓަލީވިލާތުގެ ވޯއޭ ކިއުނު ސަރަހައްދުގައި މި އަހަރުގެ ފެބުރުވަރީ މަހު 2 ހަފުތާގެ ލޮކްޑައުން އަމުރު އިއުލާން ކުރި ހިސާބުންނެވެ.
ޔުނިވާސިޓީ އޮފް ޕެޑޯވާގެ އެންރީކޯ ލާވޭޒޯއާއި އެލިސާ ފްރާންޗިން އަދި ވިލާތުގެ އެކި ސަރަހައްދުތަކުގެ ތަޖުރިބާކާރުން ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު ވޯއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 42.5 ޕަސެންޓް މީހުންނަކީ އެސިމްޓޮމެޓިކް މީހުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
ލަވޭޒޯއާއި ފްރާންޗިންގެ ޓީމުން ބުނި ގޮތުގައި މިއީ ކޮވިޑް-19ގެ އެސިމްޓޮމެޓިކް ކޭސްތަކާ ގުޅިގެން މިހާތަނަށް ހަދާފައިވާ އެންމެ ތަފްސީލީ ދިރާސާއެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ގައުމުތަކުން އިޖާބަ ދިނުމަށް މުހިންމު ނިންމުންތައް ނިންމުމަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ދިރާސާއެއް ކަމަށްވެސް ދިރާސާ ޓީމުން ވަކާލާތު ކުރެއެވެ.