މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހު 20ގައި ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިނާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ މިމަހުގެ 20ން އަންނަ މޭމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅަން ޖެހޭ އެހެނިހެން މައުލޫމާތާއި ތަކެތި ފޮނުވަން ޖެހެނީ، ”ގައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާ ތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅަން ވާނީ، އެކަމަށް ކަނޑައަޅާފައި ވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައަޅާފައިވާ ފޯމުގައެވެ. މި އަހަރުގެ ގައުމީ އިނާމުގައި 39 ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ގައުމީ އިނާމު 7 ބޭފުޅަކަށާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި، ކުންފުންޏަކަށް ވަނީ ދީފައެވެ.
ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެމުން ދަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.