މިދިޔަ ހަފްތާ 91 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އަދި މި ބަލީގައި ފަރުވާ ހޯދުމަށް 16 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި ދިޔަ މަހު 30 އިން މިމަހު 6 އާ ދެމެދުގައި 91 މީހަކު ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވާ އިރު، އެންމެ ގިނަ ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެއިން 48 މީހަކާއި، ރަށްރަށުން 16 މީހަކާއި އަދި އެހެނިހެން ތަންތަނުން 27 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ހޮސްޕިޓަލުގައި އިތުރު 16 މީހަކަށް ފަރުވާދެމުންދާއިރު މިއީ މީގެ ކުރީ ހަފްތާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ކުރީ ހަފްތާގައި 38 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު 194 މީހަަކު ވަނީ ޕޮޒިޓިވްވެފައެެވެ.
2020 ވަނަ އަހަރު ކޮވިޑް ވައިރަސް މު ޅި ދުނޔެއަށް ފެތުރި ރާއްޖެއިން ވެސް އެ ބަލި ފެތުރެމުން ދިއުމަށް ފަހު ބަލި ކޮންޓްރޯލް ކުރި ފަހުން އަނެއްކާވެސް ކޮވިޑް ކޭސްތައް މި ވަނީ އިތުރުވާން ފަށާފައެވެ. ކޮންމެ ހަފްތާއަކު ވެސް ބޮޑު ތަފާތެއް އަންނަނީ ފެންނަމުންނެވެ. މިހާތަނަށް މި ބަލީގައި ވަނީ 313 މީހުން މަރުވެފައެވެ.
2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަން ފަށައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދިއުމުން ލޮކްޑައުންކޮށް ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކޮވިޑް ކޭސްތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ކޭސްތައް ކޮންޓްރޯލް ކުރެވިފައި ވަނީ ކޮވިޑުން ދިފާއު ވުމަށް ގިނަ ބަޔަކު ވެކްސިން ޖެހުމުންނެވެ. ނަމަވެސް މިއަހަރު ފެށިގެން މާޗް މަހުގެ މެދަކާ ހިސާބަށް ދިޔައިރު ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާ ތަން މި ވަނީ ފެންނަން ފަށާފައެވެ.
މީގެ ކުރިންވެސް މި ބަލިން ރައްކާތެރިވުމަށް އަޅަމުން އައި ފިޔަވަޅުތަކަށް އާންމުން ސަމާލުވާން ޖެހެއެވެ. ބަލީގެ އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓް ކުރުމަކީ މުހިއްމު ކަމެކެވެ. ހަމައެއާއެކު ބަލީގެ އަލާމާތް ފެންނަ ނަމަ މާސްކް އަޅައިގެން އުޅުމާއި ގައިދުރުކަން އިސްކުރުމާއި، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އިސްކަން ދިނުމަކީ ބަލިން ދިފާއު ވުމަށް ކުރެވޭނެ ކަންކަމެވެ.