ޕިއްޒާއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކާނާގެ ތެރެއިން އެއް ކާނާއަށް ވާއިރު، ދިވެހިންގެ މެދުގައި ވެސް ޕިއްޒާއަށް ލޯބި ޖެހިފައިވާ އެތައް ބަޔަކު އުޅެއެވެ.

ޕޮޓޭޓޯ ޕިއްޒާ ޕައިގެ މި ރެސިޕީއަކީ ހަދާލަން ފަސޭހަ އަނގައަށް މީރު ރެސިޕީއަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • އޮލިވް އޮއިލް
  • 2 ޖޯޑު ބީފް (ކުދިކޮށް ކޮށާފަ ނުވަތަ މިކްޗަރުން މިކްސް ކުރުމަށްފަހު)
  • 1 ފިޔާ (ތުނިކޮށް ކޮށާފަ)
  • 2 ލޮނުމެދު (ގާނާފަ)
  • ހިކަނދިފަތް (ކުދިކޮށް ކޮށާފަ)
  • 1 ސައިސަމްސަލުގެ ދިރި
  • 1 ސައިސަމްސަލުގެ އަސޭމިރުސް
  • 1 މިރުސް
  • 2 ބެލް ޕެޕާ (ރަތް ކުލަ އަދި ފެހި ކުލަ، ކިޔުބްކޮށް ކޮށާފަ)
  • 1 ސައިސަމްސަލުގެ ލޮނު
  • 1 ޖޯޑު މަޝްރޫމް
  • 1 ޖޯޑު ޕިއްޒާ ސޯސް
  • 2 އަލުވި (ވަށްކޮށް ކޮށާފަ މެދުމިނަކަށް ތެލުލާފަ)
  • 2 ޖޯޑު މޮޒްރެއްލާ ޗީޒް
  • 1 ލާހި ފުއް (ޕިއްޒާ ފުއްގަނޑު މޮޑޭހެން މޮޑެފަ)
  • 5 ސޮސެޖް ( ވަށްކޮށް ތުނިކޮށް ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ތެޔޮކޮޅު އަޅާ އޭގެ ތެރެއަށް ބީފްކޮޅު އަޅާ ރޯފިލިވާލާށެވެ. އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ލޮނު، ހިކަނދިފަތާއި މިރުސް އަދި އަސޭމިރުހާއި ދިރި އަދި މަޝްރޫމް ކޮޅާއި ބެލް ޕެޕާ ކޮޅު އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްވުމުން އޭގެ ތެރެއަށް ޕިއްޒާ ސޯސް އާއި 1 ޖޯޑުގެ ޗީޒް އެޅުމަށްފަހު އެއްކޮށްލާ 2 މިނެޓް ވަންދެން މަތި ޖަހާފައި ބަހައްޓާލާށެވެ.

ސޯސްގަނޑު ތައްޔާރުވުމުން ޓްރޭއަކަށް ސޯސްގަނޑު އަޅާ ފަތުރާލާށެވެ. އެއަށްފަހު ސޯސްގަނޑުގެ މަތީގައި ތެލުލި އަލުވިކޮޅު ކައިރި ކައިރީގައި އަތުރާލާށެވެ. ޕިއްޒާ ފުއްފަނޑު ޓްރޭއާ އެއްވަރަށް ދަމާލާ އަލުވިތަކުގެ މަތީގައި އަޅާލާށެވެ. ނުވަތަ އެއްވަރަށް ކަފާލުމަށްފަހު މަތީގައި ފަތުރާލާށެވެ. އެއަށްފަހު 30 މިނެޓް ވަންދެން 350 ޑިގްރީސެލްޝިއަސްގައި އަވަނުން ފިލާށެވެ.

20 މިނެޓް ވުމުން އަވަނުންނަގާ ޓްރޭގެ މަތި އެއްކޮށް ފޮރުވޭ ވަރަށް (2 ޖޯޑު ޗީޒް) އަތުރާލާށެވެ. އަދި ޗީޒް ތަކުގެ މަތީގައި ސޮސެޖްތަށް އަތުރާލާ 15 މިނެޓް ވަންދެން ފިހެލާށެވެ. ކެއުމަށް ނެގުމުގެ ކުރިން ޓްރޭގައި ބަހައްޓައިގެން ހަތަރެސްކަނަށް ފޮތިކޮށްލާށެވެ.