މެންދަމުން އަނބުރާ ތިނެތް ޖަހައިފިއެވެ. އަދިވެސް އަހަންނަކައް ނިދޭ ގޮތެއްނުވެއެވެ. މިއީ މިގޮތަށް ދެފަރާތައް ފުރޮޅިލަ ފުރޮޅިލާ އޮތް ފުރަތަމަ ރެއެއް ނޫނެވެ. ލޮލުފިޔަ ޖަހައި ނުލެވެނީސް އިރުއަރާ ކިތަންމެ ދުވަހެއް އާދެއެވެ. އާދައިގެ މަތިން އެހެން ދުވަސް ތަކެކޭ އެއްފަދައިން މިއަދުވެސް އިރުއަރާ މަންޒަރުގެ ފޮނިކަން ލިބިގަތުމަށްޓަކައި އަހަރެން ދިޔައީ ތުނޑިއަށެވެ. ވަށައިގެން ފެންނަން އޮތް މާހައުލު ހިތްގައިމު ރީނދުލައާއި ރަތްކުލައެއް އެކުވެގެން ޖަރީވެފާވެއެވެ. ތަފާތަކީ ކުލައިގެ ފަނޑުކަމާއި ގަދަ ކަމުގެ ތަފާތެވެ. ސިކުނޑީގައި އެނބުރެމުންދާ ފިކުރުތައް އެއްފަރާތަށް ޖެއްސޭތޯ، އުޑުމަތީގައި ވާ ކޮތަރިވި ލާތަކާއި ނޫކނޑުގެ ހަމަހިމޭންކަންވެސް އަހަންނަށް ވާގިދޭ ކަހަލައެވެ. ޖެހެމުން ދިޔަ ނަލަރޯޅިތައް އަހަރެންގެ ފަން އިސްތަށިގަނޑާއި މައްލަވަ ކުރަމުން ދިޔައެވެ. މަންޒަރު ފުސްކުރުވަމުން ދިޔައީ ލޮލަށް ޖަމާކުރުވި ކަރުނަތަކެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށް ފަހު ގޮސް ރާޅުފެންފަށުގައި މަޑުކޮއްލީމެވެ. މަޑުރާގެއްގައި ގޮނގުދޮށައް ބީއްސާލި ރާޅާއެކު އަހަރެންގެ ހަނދާންތައް ގެންދިޔައީ މީގެ އަހަރުތަކެއް ކުރިއަށެވެ.

ބަލާބެލުމަށް އޭރު އަހަންނައް ވާނީ ސޯޅަ ސަތާރަ އަހަރެވެ. ނަމަވެސް ހަމަ އެންމެ ދިހަ އަހަރެވެ. ކުލާސް ކުދިންނާއި އަވަށްޓެރިންގެ ފަރާތުން އެތަށް ގޯނާއެއް ކުރިމަތިވެއެވެ. އެއެންމެންގެވެސް ޝަކުވާ އަކަށް ވަނީ އަހަރެންނަކީ އުމުރަށް ވުރެން ފެންނަ ފެނުމަށް ބޮޑުމީހެއް ކަމުގައި ވާތީއެވެ. އެހެން ކަމުން އެހެން މީހުންގެ ފުރައްސާރަ އާއި ވޭނީ ބަސްތަށް ނީވޭ ދުވަހެއް ނުދާނެއެވެ. އަހަރެންގެ މައުސޫމު ހިތް ރޮއްވައިނުލާ ދުވަހެއް ދުލުން ގުނާލެވޭހާ މަދުވާނެއެވެ. ކަންމިހެން ހުރުމާ އެކު ގިނަ ވަގުތުތައް އެކަހެރިކޮށް ހޭދަކުރަން ފެށީމެވެ. ހިތައް ލުޔެއް ލިބޭތޯއެވެ. ނަމަވެސް ކަންވީ މުޅިން އެއާ ހިލާފަށެވެ. އަހަރެންގެ އެކަހެރިކަމަށް އިތުރު އަނދިރި ކަމެއް ވެރިވީއެވެ. ލޯބިވާ މަންމަ އަބަދަށްޓަކާ އަހަރެން ދޫކޮށް މިދުނިޔެއާ އަލްވަދާއު ކީއެވެ. މަންމަ ނިޔާވުމަށް ފަހު އަހަރެން ބަލާ ބޮޑުކުރީ ބައްޕަ ފަރާތު ހަމައެކަނި ހުރި ބޮޑުދައިތައެވެ. މަންމަ ފަރާތު އާއިލާއިލާގެ މީހަކާ އަހަރެން ދުވަހަކު ވެސް ބައްދަލެއް ނުވެއެވެ. ބޮޑުދައިތަގެ އޯގާތެރިކަން މަންމައާ އަޅާކިޔޭ ވަރެއް ނޫނެވެ. އެހާވެސް ރަނގަޅެވެ. ދެންހުރީ ބައްޕައެވެ. ހީވާގި މަސްވެރިއެކެވެ.

އެއްރެއެއްގެ ދަންވަރެވެ. ފިނިރެއެކެވެ. ޖެހެމުން ދިޔަ ވައިރޯޅިއާއެކު ފުރާޅައް ހަމަލާދެމުން ދިޔަ ވާރޭ ތިކިތަކުގެ އަޑު އިވެއެވެ. އަރާމު ނިދީގައި ނިދާފައި އޮތް އަހަރެން، ގައިމަތީގައި އޮތް ރަޖާގަނޑު ކޮނޑާ ހަމައަށް އަރުވަލީމެވެ. ނަމަވެސް ކޮނޑުގެ އަރިމަތިން ރަޖާގަނޑު ވެއްޓިއްޖެއެވެ. ނިދީގެ އަސަރު ގަދަ ވެފައި ހުރުމުގެ ސަބަބުން މާބޮޑަކަށް އަޅައެއް ނުލަމެވެ. ފައިގެ ކަކުލާ ހިސާބުން ގަޔަށް ބާރުވާން ފަށައިފިއެވެ. މަޑުމަޑުން އެދިޔަ ގޮތައް ގޮސް ބަނޑާ ދިމާލުން މައްޗައް ހަންގަޑަށް ވާންވާން ފަށައިފިއެވެ. ކުއްލިއަކަށް އަހަންނަށް ހޭލެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އަހަންނަށް އިވުނެވެ. ހަށިގނޑަށް ނަޒަރު ހިންގާ ލެވުނެވެ. ލައިގެން ހުރި ހެދުން ވަނީ މޭމައްޗާ ހިސާބައް އެރުވިފައެވެ. ބޭއިހުތިޔާރުގައި ރޮއެގަނެވުނެވެ. އަޑުގަ ނެއްކޮޅަށެވެ. ބޮޑުދައިތަ އައިސް އަހަރެން ގައިގައި އޮޅުލައި ގަތެވެ. އަދި އެމަޑުމަޑު ދެއަތުން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަމުން ވީގޮތް އޮޅުން ފިލުވިއެވެ. ލަދުން ހުރެ ވީގޮތް ކިޔައި ދިނީމެވެ. ކައިރީގައި ބައްޕަ ހުރީމައެވެ. އަދި ދެމީހުން ވެސް އެއީ އަހަރެންނަށް ފެނުނު ހުވަފެނެއް ކަމުގައި ބުންޏެވެ.

ދުވަސްތަށް ފާއިތުވަމުން ދެއެވެ. ހަޔާތުގެ ސަފުހާ ތަކުގައި އެކި ކުލަ ކުލައިގެ ގަލަމުން ލިޔެވިގެން ދެއެވެ. އެކުލަތަށް ފޭދިފައި ހުންނަ ހުރުމާއި އެކުވެފާ ހުންނަ ހުރުމަށްވެސް ސަބަބެއް މެދުވރިވާނެއެވެ. އަދިވެސް އަހަންނަށް މި ފެންނަނީ ހަމަ ހުވަފެން ހެއްޔެވެ. ނޫނެކެވެ. އެރޭ ނަން ވި ހުވަފެނަކީ އަހަރެންގެ ހަޔާތައް އައި ކަޅު ބޯވިލާގަނޑުގެ ކޮޅުމައްޗެވެ. ހަމަގައިމުވެސް ބޮޑުދައިތަމެން އެބުނާ ކަހަލަ ހުވަފެނަކަށް މި ހުރިހާ ކަމެއް ވެސް ވެގެން ދާނަމަ ކިހާ ރަނގަޅު ހެއްޔެވެ. މިހާރު މީ އޭގެ ހައަހަރު ފަހެވެ. ކޮންމެ ރެއަކުވެސް އަނިޔާވެރި އެތައް ވަކިތަކެއް އަހަރެންގެ ހަށިގަނޑުގައި އެޅެމުން ދެއެވެ. އަމިއްލަ ހަށިގަނޑަކަސް އެއްވެސް ބާރެއް ނޯވެއެވެ. އަހަރެންގެ މި ދެއަތާއި ފައި ނުނބަދެވޭ ރެއެއް މަދުވާނެއެވެ. ލޮލުން ކަރުނަ ނާޅާ ވަގުތެއް ނުދާނެއެވެ.

އާ ދުވަހަކަށް އިރު އުދަރެހުން ދުނިޔެމައްޗައް އަލި ކޮއްލިއެވެ. އާދައިގެ މަތިން ހެދުނުނުގެ ސައި ތައްޔާރު ކުރުމަށް ބަދިގެއަށް ވަނީމެވެ. ރޮށިފިހުމައްޓަކައި ފުށްމޮޑެން ހުރި ވަގުތު މޫނުމައްޗައް އަނދިރި އެރިއެވެ. އަވަސް އަވަހަށް ކައިރީގައި ހުރި ގޮނޑީގައި އިށީނީމެވެ. ފުންކޮން ވިސްނާލީމެވެ. އަހަންނަށް މިހާރަކަށް އައިސް މި އަންނަ ބަދަލު ތަކާމެދުއެވެ. ވީއެންމެ އަވަހަކައް ޑޮކްޓަރަކަށް ދެއްކީމެވެ. ދެދުވަސް ފަހުން ހޮސްޕިތަލުން އަހަންނަށް ގުޅީ ޓެސްޓުތަކުގެ ނަތީޖާ އާ އެކުގައެވެ. ކަރުނަތަކާއި ހިތާމަތަށް އޮބަހައްޓަމުން ގެއަށް ދިޔައީމެވެ. ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއް ހެއްޔެވެ؟ ކުށްވެރިއެއްގެ އަދަބު އަހަންނަށް ޙައްޤުވާން އަހަރެންގެ ކުށެއް އެބައޮތް ހެއްޔެވެ؟ ދިރިއުޅުމުގެ އުންމީދު އޮޔާ ވަޔާގޮސް ގެއްލިއްޖެއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ތަޤުދީރާ ދެކޮޅަށް ތަދުބީރެއް ނުކުރެވޭނެއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މުޅިގޭތެރެއަށް ނަޒަރު ހިންގާލި ކަމުގައި ވިޔަސް ފެނިގެން ދާނީ ރަމަޟާން މަހަށް ވަމުންދާ ތައްޔާރީ ތަކެވެ. ގޭތެރެ ސާފުކުރުމުގައި ބޮޑުދައިތައާއި ދެމީހުން އަވަދިނެތި އުޅެމުން ދިޔައީމެވެ. ކުއްލިއަކައް ބޮޑުދައިތަ އަހަންނާ ދިމާލަށް ބަލާލައިފިއެވެ. ކަންތައް ވީގޮތް އަހަންނަކަށް ނޯޅެއެވެ. ބޮޑުދައިތަގެ އަތުގައި އެއޮތީ އަހަރެން ހެދި ޓެސްޓުތަކުގެ ރިޕޯޓެވެ. ބޮޑުދައިތަ ބަލަން ނުހުރެ އައިސް އޭގެ ނަތީޖާއަށް މަރުހަބާ ކީ އިލޮށިފަތިންނެވެ. އަހަރެންގެ ގައިގެ އެތައް މިތާ ތެޅިއެވެ. ރޮމުން ހޭރެމުން އަހަންނާ ދިމާލަށް އެއްޗެހި ގޮވަމުން ދިޔައެވެ.

"މީތަ މަ ކަލޭއަށް ދިން ތަރުބިއްޔަތަކީ. މީތަ މަންމަ އަކާނުލާ ބޮޑު ކޮއްދިނީމަ ދޭން އިނގުނު ބަދަލަކީ. ކަލޭ މިވަރު ކަމެއް ކުރި އިރު މަށައް ހިލަމެއް ވެސް ނުވެ. މި މުޑުދާރު އަމަލެއް ކުރާނެ ކަމަކައް ދުވަހަކު ވެސް ހިތައް ނާރާ. ރަނގަޅަށް ބޮނޑި ލިބިއްޖެ އެއްނު" އަހަރެންގެ އަތުގައި ހިފައި ދަމާ ހަލަމުން ގެންގޮސް ގޭގެ ބޮޑު ދޮރާ ދިމާލައް ކޮއްޕާލިއެވެ. އެއީ ބައްޕައަށް ގެއަށް އައިސް ވަދެވުނު ވަގުތެވެ. އަހަރެންގެ އިހުސާސްތައް ދުލުން ބަޔާން ނުކުރެވުމަކީ ފަހެ އަހަރެންގެ ކުށެއް ހެއަޔެވެ. އެއީ ﷲގެ ތަޤުދީރެވެ. އަހަންނަކީވެސް ހަމަ އެހެން މިހުން ފަދައިން ވާހަކަ ދެއްކޭ މީހެއް ނަމަ ހުރިހާ ހަޤީގަތެއް ވެސް ކިޔައި ދޭނަމެވެ. އަހަރެންގެ ބަނޑުގައި މި އޮތް ދަރިފުޅުގެ ބައްޕަ އަކީ، އަހަރެންގެވެސް ބައްޕަކަން މުޅި ދުނިޔެއަށް ބުނެދޭނަމެވެ.

އަތުގެ ބަނޑުފުށުގައި ހުރި ހިމޫން ވެލިތައް ފޮޅާލުމަށް ފަހު ގެއަށް ދާން އެނބުރުނީމެވެ. އޭރު މަގުމަތީގައި ހިފާލައިފައި ހުރީ ފޯރިއާއެކު ކުނިކަހަމުން ދިޔަ އަންހެނުންގެ ވާހަކަ ދެއްކުމުގެ އަޑެވެ. ގޭގެ މައި ދޮރާށިން ނުވަދެވި އުޅެނިކޮން ކަންފަތުގައި ޖެހުނީ ކުޑަކުޑަ އަންހެން ކުއްޖެއްގެ ކުކުރުމުގެ އަޑެވެ. އެއަޑުގާ ކޮންމެސް ވަރެއްގެ ވޭނެއް ހުއްޓެވެ. އެއީ އަހަރެންގެ ދަރިފުޅުގެ އަޑެވެ. އަހަންނަށް އެއަޑެއް ނޯޅޭނެއެވެ. ގައިގައި ހުރި ބާރެއް ލައިފައި އަޑުއައި ދިމާލަށް ދިޔައީމެވެ. ދަރިފުޅުގެ ގައިގައި ހުރި އަންނައުނު ތައް ހުރީ ބިން މަތީގައެވެ. އެ ދެލޮލުގައި ވަނީ މައުސޫމް ކަމެވެ. ނަމަވެސް އެމައުސޫމު ކަމެއް ކައިރީގައި ހުރި އަހަރެންގެ ބައްޕަ އަކަށް ނުވިސްނެއެވެ. ބަލާކަށް ނުހުރެ ބަދިގެއަށް ވަދެ އަހަރެން ނެގީ ކަތިވަޅިއެވެ. ދިޔަގޮތަށް ގޮސް ބައްޕަގެ ކަރުގައި ކަތިވަޅިން ޖެހީމެވެ. ވާނުވާ ރޭކާލީ ދަރިފުޅު ބާރައް ރޮއެގަތް އަޑަށެވެ. ދެފައި ކޮޅުން ވާގިދޫވެ ދެކަކޫ މައްޗައް ތިރިވެވިއްޖެއެވެ. އަހަރެންގެ ކުރިމަތީގައި އެއޮތީ އަހަރެންގެ ދިރިއުޅުން އެފުށް މިފުށައް ޖެހި އުފަން ބައްޕަގެ ފުރާނަ ނެތް މަސް ގަނޑެވެ.