ކޮވިޑް19 އާ ގުޅިގެން އެޗްޑީސީ އިން ދޭން ނިންމާފައިވާ ކުލީގެ ލުއިކަން ހޯދުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހަޅުމަށް ފުރުސަތު އިތުރު ކޮށްދީފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ދޭން ނިންމާފައިވާ ދެ މަސްދުވަހުގެ ކުލީގެ ރިލީފަށް އެދިފައި ނުވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ފޯމު ހުށަހަޅާނީ [email protected] އަށް ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން އެޗްޑީސީއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.

އެޗްޑީސީ އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފައިސާ ކުރިއަށް އޮތް ދެ މަހު ދައްކާކަށް ނުޖެހޭނެއެވެ. ކުލީގެ 30 ޕަސެންޓް ލުއިކޮށްދެން ނިންމާ، އެ ފައިސާ ދެއްކުން ފަސްކޮށްދެން ނިންމާފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކަށެވެ.

ހައުސިން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުސަތުވެސް އެޗްޑީސީ އިން ވަނީ ހުޅުވާލައިފައެވެ. އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަން ޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.