ދޮންކޭލަކީ ދޮންނުވާ އިރު ފަލަމަޑީގެ ގޮތުގައި ބޭނުން ކުރާ، ދޮންވުމުން މޭވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ދޮންކޭލުގެ ބާވަތްތަކުގެ ތެރޭގައި ބޮންތިރަތްކެޔޮ، ސަންޕާކެޔޮ، ފުސްކެޔޮ، މާޅޮސްކެޔޮ، ބޮޑުކެޔޮ، އޮށިކެޔޮ، ރަތްކެޔޮ، ކަނދިލިކެޔޮ، ސުވާސާކެޔޮ، ފުސްމާޅޮސްކެޔޮ، ފަދަ ވައްތަރުތައް ހިމެނެއެވެ. މިހުރިހާ ވައްތަރެއްގެ ދޮންކެޔޮ ވެސް ރާއްޖޭގައި ހުރެއެވެ.

ދޮންކޭލަކީ ސިކުނޑި ތާޒާ ކޮށްދިނުމާއެކު ކަންބޮޑުވުމާ ހާސްކަން ފިލުވާލުމަށްވެސް މޮޅު ފަރުވާއެކެވެ. ކަންބޮޑުވެ ހާސްވާކަހަލަ ކަމެއް ދިމާވެއްޖެނަމަ އެންމެ އަވަސް ފަރުވާ އަކީ ދޮންކެޔޮ ކެއުން ކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވެއެވެ. ރާއްޖެއިން ފަސޭހައިން ލިބޭ އެއް ބާވަތީ ބޮންތި ރަތްކޭލެވެ. މި ރޯދަމަހު ސުފުރާމަތި މިފަދަ ހެދިކާއަކުން ފުރިހަމަ ކޮށްލަން މިއީ ރަނގަޅު ރެސިޕީއަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • 02 ވައް ދޮންކެޔޮ
  • 02 މޭޒުމަތީ ސަމުސާ ގޯލްޑަން ސިރަޕް
  • 3/4 ޖޯޑު ހަކުރު (މުގުރާފައި)
  • 01 ބިސް
  • 01 ޖޯޑު ސެލްފް ރެއިސިން ފްލޯ
  • ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ދޮންކެޔޮ ވައްތައް ރަނގަޅަށް ޗިސްކޮށްލުމަށް ފަހު އޭގެ ތެރެއަށް ގޯލްޑަން ސިރަޕް އަދި ހަކުރު އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ބިހާއި، ފުށް އަދި ކުޑަ ލޮނުކޮޅެއް އަލާ އެއްކޮށްގެން ރަނގަޅަށް އެކު ވަންދެން ގިރާލާށެވެ. ރަނގަޅަށް އެކު ވަންދެން ގިރުމުން ޓްރޭގައި ބަޓަރު ހޭކުމަށް ފަހު ޓްރޭއަށް ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.

ރަނގަޅަށް ފިހެ ރޯފިލީމައި ދެން ސުފުރާ މައްޗަށް ނަގަން ވީއެވެ. ނަމަވެސް ކާން ފަށަން ވާނީ އަނގަޔަށް ލެވޭ ވަރަށް ހިހޫ ވެލީމައެވެ. ނޫނީ ތަލި ފިހިދާނެއެވެ.