ޖަލުގައި ތިބޭ ގައިދީންނާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުން ލަސްވުމުގެ މައިގަނޑު ސަބަބަކީ ބަލިމީހުން ގޮވައިގެން ހޮސްޕިޓަލަށް ދާނެ ޖަލު އޮފިސަރުން ނެތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރްސީއެމް އިން މިހެން ބުނެފައި ވަނީ 1 ޖެނުއަރީ 2024 އިން މިއަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަނުން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކުގައެވެ. އެ ކޮމިޝަނުން އާންމު ކުރި ތަފާސްހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން، ސިއްހީ ފަރުވާ ފޯރުކޮށްދިނުން ލަސްވާ މައިގަނޑު ދިހަ ކަމެއް ފާހަގަކޮށްފައިވެ އެވެ.
އެޗްއާރްސީއެމް އިން ބުނީ، 2024، 2025 އަދި 2026 ވަނަ އަހަރު ވެސް ފަރުވާ ލަސްވާ ސަބަބުތަކުގެ ތެރެއިން އެންމެ، ބޮޑު އިންސައްތައެއް ހިއްސާކުރަނީ ގައިދީން، ހޮސްޕިޓަލަށް ގެންދާނެ ޖަލު އޮފިސަރުން ނުލިބޭ މައްސަލަ އެވެ. އެގޮތުން 2024 ވަނަ އަހަރު، އެފަދަ މައްސަލަތަކުގެ ނިސްބަތް 49.5 ޕަސެންޓްގައި ހުރި އިރު 2025 ވަނަ އަހަރު އެ ނިސްބަތް ހުރީ 46.9 ޕަސެންޓްގައި އެވެ.
އަދި މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ 63.2 ޕަސެންޓަށް އިތުރުވެފައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓުން ދައްކަ އެވެ.
މީގެ އިތުރުންވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމަކީ:
- ހާއްސަ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ނުވަތަ ސްޕެޝަލިސްޓުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބުން ލަސްވުން (އެޕޮއިންޓްމަންޓް ލިބުން ލަސްވުމުގެ މައްސަލަތަކުގެ ނިސްބަތް 2024 ވަނަ އހަރު 18.5 ޕަސެންޓްގައި ހުރި އިރު، 2025 ވަނަ އަހަރު އެ ނިސްބަތް ވަނީ 20.03 ޕަސެންޓަށް އިތުރުވެފައި)
- އަރާ އޮޅުންތަކުގެ ސަބަބުން ފަރުވާ ލަސްވުމުގެ މައްސަލަތައް އަންނަނީ އަހަރުން، އަހަރަށް އިތުރުވުން (އެ ގޮތުން 2024 ވަނަ އަހަރު އިދާރީ އޮޅުންތަކުގެ ސަބަބުން ފަރުވާގެ ކަންތައް ލަސްވި ނިސްބަތަކީ 7.7 ޕަސެންޓެވެ. އަދި 2025 ވަނަ އަހަރު އިދާރީ އޮޅުންތަކުގެ ސަބަބުން ފަރުވާގެ ކަންތައް ލަސްވި ނިސްބަތް ހުރީ 11.1 ޕަސެންޓްގައި)
- މާފުށީ ޖަލުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެން ނެތުމާއި، ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް، ބައިތިއްބާނެ އެކަށީގެންވާ ޖާގަ ނެތުން
- ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް މެނޫ ފޯރުކޮށްދީފައި ނެތުން، ޖަލު އޮފިސަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ނުލިބުން، މާފުށިން (ބައެއް ބާވަތުގެ) ސިއްހީ ހިދުމަތް/ފަރުވާ ލިބެން ނެތުން، ރާއްޖެއިން (ބައެއް ބާވަތުގެ) ސިއްހީ ހިދުމަތް/ފަރުވާ ލިބެން ނެތުން
ސިއްހީ ފަރުވާ، ގައިދީންނަށް ލިބުން ލަސްވެފައިވާ ބައެއް އެހެން މައްސަލަތަކުގެ ތެރޭގައި 2024 ވަނަ އަހަރު ބޭސް ދިނުން ހުއްޓާލުން ނުވަތަ މެދުކަނޑައިލި މައްސަލައެއް ވެސް ހިމެނެއެވެ. އަދި އޮފިސަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ނުލިބުނު ދެ މައްސަލައެއް ވެސް އެ އަހަރު އެޗްއާރްސީއެމްއަށް ހުށަހެޅިއެވެ.
