2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް ހާއްސަ ގަރާރެއް ހުށަހަޅައިފިއެވެ.
މިއަދު ހެނދުނު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގެ ބައްދަލުވުމުގައި އެ ޕާޓީގެ މަތީ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ. އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުންދަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެ ގަރާރުގައި ބަޔާންކޮށްފައިވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. މުޢިއްޒަށް ދެންނެވުމުގެ ގޮތުން މި ގަރާރު ފާސްކޮށްދިނުމަށް އަބްދުﷲ އިބްރާހީމް ވަނީ އެދިފައެވެ. ބެލެވޭ ގޮތުގައި މި ގަރާރަށް އިރުކޮޅެއްތެރޭ ވޯޓަށް އަހާނެ އެވެ.
